"ސުނާމީގެ ލޮނުގަނޑު ބަންޑުންކޮށްލި އެ ވަގުތަކީ..." ރައީސް ސޯލިހުގެ ކަރުފުޅުބެދުނެވެ. ވާހަކަފުޅު ކުރިޔަށް ނުގެންދެވިގެން ހުއްޓަވައިލެއްވިއެވެ.
މ. ކޮޅުފުށީގައި މިއަދު މެންދުރު ބޭއްވި އެއްބައިވަންކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދެއްކެވިއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވާހަކަފުޅު އެތައް ފަހަރަކު މެދުކެނޑުނެވެ. ކީރިތި ކުރެއްވުނެވެ. ނަމަވެސް ހިތްވަރާއެކު އަނެއްކާވެސް ކުރިއަށް ވަޑައިގަތެވެ.
"....ބިރުވެރިކަމާއި ނާމަންކަމުގެ ވަގުތެއް. އެއީ ހިތާމައާއި ކަރުނައިގެ ދުވަހެއް. ރުއިމާއި ކެކުޅުމުގެ އަޑު ކެނޑިގެން ނުދިޔަ ދުވަހެއް. މި ރަށުގައި ހުރެ މި ވާހަކަ ދައްކާއިރު މި ރަށުގެ ރައްޔިތުންނަށް ކުރާނެ އަސަރާއި ލިބޭނެ ހިތްދަތިކަން އަޅުގަނޑަށް އިހުސާސް ކުރެވޭ,"
ޑިސެމްބަރު 26, 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ސުނާމީ ކާރިސާގައި ރާއްޖެއިން ދެވަނައަށް އެންމެ ގިނަ މީހުން މަރުވި ރަށަކީ ކޮޅުފުއްޓެވެ.
އެ ރަށުން މަރުވި މީހުންނަށް ސުވަރުގޭގެ ނިއުމަތް ލެއްވުން އެދި ދުއާ ކުރައްވައި, އެ މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވުމަށްފަހު ރައީސަށް އަނެއްކާވެސް ހިއްސާކުރެއްވީ އެ ދުވަހުގެ ބިރުވެރި ވަގުތުކޮޅުގެ ހަނދާނެވެ. ނަމަވެސް ފަސޭހަފުޅެއް ނުވިއެވެ. ދޭތެރެ ދޭތެރެއިން ވާހަކަފުޅު މެދުކަނޑުއްވައިލައްވަން ޖެހިވަޑައިގަތެވެ. ލޯފުޅުން ކަރުނަ ފައިބަމުން ދިޔަ މަންޒަރު ފެނުނެވެ.
"ކަންދިމާކުރި ގޮތުން އަޅުގަނޑަށްވެސް އެ ދުވަހު ހުރެވުނީ... އާއިލާއާއެކުގައި އަޅުގަނޑުގެ އުފަން ރަށުގައި. ލޮނުގަނޑު ރަށު ތެރެއަށް އަރައިގެން އައިސް, ގޭތެރެއަށް ވަދެ އެ ރާޅު ފައިބައިގެން ދިޔައިރުގައި މުޅި ރަށް ދޮވެލައިގެން އެ ދިޔަ ގޮތް. އެއީ އެ ދުވަހު އެ ދުވަހު އެތަނުގައި ހުރި މީހަކަށް ނޫނީ އިހުސާސް ކުރެވޭނެ ކަމެއް ނޫން,"
ރައީސް ސޯލިހުގެ ވާހަކަފުޅު ކުރިޔަށް ގެންދެވި އިރު، ޖަލްސާގެ މާލަމުގައި އިށީނދެ އިންނެވި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފަޒުނާ ގިސްލަ ގިސްލާފައި ކީރިތި ކުރައްވަމުން ގެންދެވިއެވެ. އަދި ޖަލްސާގައި ބައިވެރިވެ ތިބި އެހެން އެތައް ބަޔަކުވެސް ރޮމުން ދިޔަ މަންޒަރު ފެނުނެވެ.
"އަޅުގަނޑުގެ ދޮށީ ދަރިފުޅު, ނުވަ އަހަރުގެ ސާރާ..."
އެ ހިސާބުން ރައީސަށް ވަރަށް ގަދައަށް ކީރިތި ކުރެއްވުނެވެ. އަދި އިރުކޮޅެއް ވަންދެން ވާހަކަފުޅު ނުދައްކަވައި ހުންނެވިއެވެ. ނަމަވެސް ހިތްވަރާއެކު އަނެއްކާވެސް ފެއްޓެވިއެވެ.
"..ހުރީ ގޭ ކުރިމަތީގައި ހުރި ގަހެއްގައި. ހަތް އަހަރުގެ ފިރިހެން ދަރިފުޅު ހުރީ ފާރެއްގެ މަތީގައި. މަންމައާއި ހުރިހާ ކޮއްކޮއިން ރަށުގައި ތިބި. މުޅި އާއިލާ އެކީގައި އޮތް"
ރައީސް ވިދާޅުވީ, އެ ހިތާމައާއި އެ ހިތްދަތިކަމުުގެ މައްޗަށް ހިތްވަރާއި ސާބިތުކަން އެ ދުވަހު ލިބުނީ، މާތް ﷲގެ ދީލަތިވަންތަ ކަމާއި އޯގާވަންތަކަމާމެދު ދިވެހިންގެ ހިތްތަކުގައި އޮތް ވަރުގަދަ އީމާންތެރިކަމުގެ ސަބަބުންނާއި ދިވެހިންގެ މެދުގައި އޮތް އެއްބަނޑު އެއްބަފާ ކަމާއި އެކުވެރިކަމުގެ ސަބަބުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު