ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މިހާތަނަށް ހޭދަކުރެއްވި 1501 ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކީވެސް ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ދަމަހައްޓަން މަސައްކަތް ކުރެއްވި ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަަސް ފާހަގަކުރުމަށް މ. ކޮޅުފުށީގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސުނާމީ ކާރިސާއާ ގުޅުވައިގެން ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރި ނަމަވެސް، ކޮންމެ ދުވަހަކީވެސް އެއްބައިވަންތަކަމަށް ބޭނުންވާ އަދި އެއްބައިވަންތަކަން ދަމަހައްޓަން މަސައްކަތްކުރަންޖެހޭ ދުވަހެއް ކަމަށެވެ.

އެ މަނިކުފާނު ވެރިކަމާ ހަވާލުވި އިރު، ރާއްޖޭގެ ހާލަތު އޮތް ގޮތް ސިފަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތްކުރަން ނުކުންނެވި އިރު، އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހިންގެ ތެރެއިން ހަމަޖެހުމާއި ސުލްހައާއި އެއްބައިވަންތަކަން ގެއްލި ބައިބައިވެފައި އޮތުމާއި ސިޔާސީ ބޭނުންތަކަށްޓަކައި ވަކި ބަޔަކު ގަސްތުގައި ހަމަޖެހުން ނަގައިލަން މަސައްކަތް ކުރަމުންދިއުން ކަމަށެވެ.

އެހެންކަމުން އެ މަނިކުފާނު ފުރަތަމަ ކުރަން ޖެހިވަޑައިގެން ކަމަކީ މުޖުތަމައުގައި ސުލްހަވެރިކަން ގާއިމުކޮށް، ދިވެހިން އެއްބައިވަންތަކޮށް އެކުވެރިކަމާއެކު ހަމަޖެހިގެން ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ.

"އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ފެށީ ކޮންމެ މަޝްރޫއެއްގެ އަމާޒަކީ ވަކި ރަށެއް ތަފާތުނުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެ ހިދުމަތްތައް ފޯރުކޮށްދިނުން، ބޯފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު، އަޅުގަނޑުމެން ފެށީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމުކޮށްދޭން، ލަފާފުރުމުގެ މައްސަލަ ހައްލުކޮށްދިނުމަށް ބަނދަރުތައް މި ހަދަނީވެސް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ދަތުރުފަތުރުގެ ހިދުމަތްވެސް މުޅި ރާއްޖޭގައި ދޭނެ،" ރައީސް ވިދާޅުވިއެވެ.