ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ މ. ކޮޅުފުއްޓަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ދިވެހި އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަނީ 2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީ ހާދިސާއާ ގުޅިގެން އެ ދުވަހު ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ނަމޫނާ ފާހަގަ ކުރުމުގެ ގޮތުންނެވެ. އެދުވަސް އެއްބައިވަންތަ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ނިންމެވީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ވަން" އަށް މިރޭ ވިދާޅުވީ، އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މާދަމާ ކޮޅުފުއްޓަށް ވަޑައިގަންނަވާނެ ކަމަށެވެ.

އެގޮތުން އެރަށު ބަނދަރު ސަރަހައްދުގައި ބިނާކޮށްފައިވާ ސުނާމީ ބިނާ ރައީސް މާދަމާ ހެނދުނު ހުޅުވައިދެއްވާނެއެވެ. އެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައިވެސް ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވާނެއެވެ. ކޮޅުފުށި މަދަރުސާގެ ހޯލުގައި ހެނދުނު 10:30 ގައި އޮންނަ އެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވާނެއެވެ.

އޭގެ އިތުރުން ކޮޅުފުށި ރައްޔިތުންގެ ފަރާތުން ރައީސް ސޯލިހަށް ސުނާމީ ބިނާއާ ގުޅޭ ހަނދާނީ ރަމްޒެއް ވެދުމަށް އެރުވުމަށް ވެސް ހަމަޖެހިފައިވެއެވެ. ރައީސް ސޯލިހުގެ އަތްޕުޅަށް ސުނާމީ ބިނާއާ ގުޅޭ ހަނދާނީ ރަމްޒު އަރުއްވާނީ އެރަށު ކައުންސިލްގެ ރައީސް އަބްދުލްއަލީމްއެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ އަތު ގުޅާލުމުގެ ހަރަކާތުގައި ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގަންނަވާނެއެވެ.