ރައްޔިތުން އެދޭ ބަދަލު ގެނެސްދޭނީ މި ސަރުކާރުން ކަމަށާއި ރައްޔިތުން އިންތިހާބުކޮށްފައި އޮތް ރައްޔިތުންގެ ވެރިކަމަކަށްވާތީ، އެއްވެސް ރައްޔިތަކު ބާކީނުކޮށް، ތަފާތުކުރުމެއްނެތި، ދޭންޖެހޭ އަސާސީ ހިދުމަތްތަކެއް ހުރީތީ، އެ ކަންތައްތައް ފުރިހަމަކުރަމުންގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގއ. ނިލަންދޫގައި އަލަށް އިމާރާތް ކުރެވުނު އިންޖީނުގެ އަދި އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މިއަދު ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުގައި ގިނަ ރަށްރަށުގެ ގިނަ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް އެއީ ލިބޭ އެއްޗެއް ނޫން ކަމަށާއި އަދި ލިބެމުން އައި އެއްޗެއް ވެސް ނޫން ކަމަށެވެ.
"އޭގެތެރޭގައި، ފެނާއި ނަރުދަމާ ކަމަށްވިޔަސް، ލަފާފުރުން ކަމަށްވިޔަސް، ކަރަންޓުގެ ހިދުމަތް ކަމަށްވިޔަސް، ސިއްހީ ހިދުމަތާއި ތައުލީމު ކަމަށްވިޔަސް، މިއީކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެހާ ފަސޭހައިން ގިނަ ބަޔަކަށް ލިބޭ އެއްޗެއް ނޫން. އަދި ހާއްސަކޮށް، ރަށްރަށުގެ ކަރަންޓުގެ ހިދުމަތަކީ، މީގެކުރިން ސަރުކާރުތަކުން ދެކެމުން އައި ގޮތުގައި، އެއީ ސަރުކާރުން ކޮށްދޭންޖެހޭ ކަމެއްގެ ގޮތަކު ނޫން ބެލެވެމުން އައީކީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ 99 ޕަސެންޓް ރަށުގައި މި ހިދުމަތް ފެށިގެން އައީ، އެ ރަށެއްގައި ހުންނަ ކޮންމެވެސް ވިޔަފާރިވެރިއެއް ނުވަތަ ފުދުންތެރި މީހަކު ދޭ ހިދުމަތެއްގެ ގޮތުގައި ކަމަށާއި އެއަށްފަހު މަސްވެރިން، ނޫނީވިއްޔާ ކޮންމެވެސް ކްލަބަކުން ފައިސާ އެއްކޮށްގެން ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ދެމުންދިޔަ ކަމަށެވެ.
"މި ރަށުގައިވެސް މިކަން ފެށިގެން އައިގޮތް، ދެންމެ ވީޑިއޯއިން ފެނިގެން އެދިޔައީ. އެއީކީއެއް ރައްޔިތުން އިންތިހާބުކޮށްފައި އޮންނަ ސަރުކާރަކުން ރައްޔިތުންނާ ދޭތެރޭގައި ވިސްނުން ގެންގުޅެންޖެހޭނެ ގޮތެއް ނޫން. ރައްޔިތުން ސަރުކާރެއް އިންތިހާބުކޮށް އަދި ޓެކްސްއާ އެއްޗެތި ދައްކަނީ، ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ތަފާތުކުރުމެއްނެތި، ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި. އިރާދަކުރެއްވިއްޔާ، މި ރަށަށް މި ރަށުގެ ރައްޔިތުން އެދޭ ބަދަލު ގެނެސްދޭނީ މި ސަރުކާރުން. ކުރިއަށް އޮތް ތަނުގައިވެސް އެކަން ކުރާނީ އިރާދަކުރެއްވިއްޔާ މި ސަރުކާރުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިހާތަނަށް 144 ރަށަކަށް ޖަނަރޭޓަރު ފޯރުކޮށްދެވިފައިވާ ކަމަށާއި 46 ރަށެއްގެ އޮފީސް އިމާރާތް، ފެނަކައިގެ އޮފީސް އިމާރާތް ނިންމައި، 64 ރަށެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އިތުރު 146 ރަށުގައި އިންޖީނުގެތައް ތަރައްގީކޮށް، ރައްޔިތުންނަށް ކަރަންޓު ދިނުމަށްޓަކައި މަޝްރޫއުތައް މިހާރު ހިންގަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު