ގއ. ދާންދުއަށް އަލަށް އިތުރުކުރި ބިމުގައި ހައުސިން ޕްރޮގްރާމެއް ހިންގަން ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ، ދާންދުއަށް އަލަށް އިތުރުކުރި ބިން އެރަށު ކައުންސިލާ ރަސްމީކޮށް ހަވާލު ކުރުމަށް ރޭ އެ ބިމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އަލަށް ހިއްކައިގެން ދާންދުއަށް އިތުރު ކުރި ބިމަކީ، އެ ރަށުގައި މިހާރު އޮތް ބިމުގެ 80 ޕަސެންޓްގެ ބޮޑު ބިމެއް ކަމަށެވެ. އެ ބިން ރަނގަޅު ގޮތުގައި ޕްލޭންކުރުމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އެބިމުގެ އެންމެ ބޮޑު ބޭނުމަކަށް ވާނީ އެ ރަށު ރައްޔިތުންނަށް ގެދޮރުދީ ބޯހިޔާވަހިކަން ހޯދައިދިނުން ކަމަށެވެ. އެ ބިމުން މަދުވެގެން 700 ގޯތި ދެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެކި ހަކަލަ ހައުސިން ޕްރޮގްރާމްތައް ސަރުކާރުން ހިންގަމުން ގެންދާކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ، "އޭގެ ތެރޭގައި ބައެއް ފަހަރު ފްލެޓް އަޅަން، ބައެއް ފަހަރު ޕްރައިވެޓް ސެކްޓާގައި ރިޔަލް ސްޓޭޓް ޑިވެލޮޕްމަންޓްގެ ގޮތުގައި އެބަގެންދަން، ބައެއް ފަހަރު އަޅުގަނޑުމެން އެބަ ލޯނުދެން،" ކަމަށެވެ.
އެގޮތުން އަތޮޅު ތެރޭގެ އެކި ރަށްރަށުގައި މިހާރުވެސް 1500 ހައުސިން ޕްރޮޖެކްޓް ކުރިއަށްގެންދާ ކަމަށާއި ކުރިއަށް އޮތް އަހަރުވެސް އިތުރު ޕްރޮޖެކްޓްތައް ކުރިއަށްގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު