މަޝްހޫރު މޮޑެލެއް ކަމަށްވާ ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ކައިޒީން ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ، "މިހިރީ 5" ބޯޓު ގަތުމަށް އޭނާގެ ބައްޕައަށް 3،600،000 ރުފިޔާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ބޯޓު ގަތުމަށްފަހު ބޯޓުގެ ރަޖިސްޓްރީ އޭނާގެ ބައްޕަގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށާއި ރަޖިސްޓްރީން ބަދަލުކޮށްފައިވަނީ އޭނާގެ ރުހުން ނެތި ކަމަށް ކައިޒީން ބުނެފައިވެއެވެ.
އެހެންކަމުން ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކޮށް ދިނުމަށް ބައްޕަގެ މައްޗަށް އަމުރުކޮށް ދިނުމަށް ކައިޒީން ވަނީ އެދިފައެވެ. އަދި އޭނާގެ ބައިވެރިން ހިމެނޭ ގޮތަށް މެނުވީ ބޯޓުގެ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި ހިބައިން ނުވަތަ ވަސިއްޔަތުން އަދި އެނޫންވެސް ގޮތަކުން ބޯޓުގެ މުއާމަލާތެއް ކޮށްފައިވާނަމަ، އެފަދަ މުއާމަލާތެއް ތަންފީޒު ނުކުރުމަށްވެސް ކައިޒީން ވަނީ އެދިފައެވެ.
ކައިޒީން އެދުނު ގޮތަށް ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. އެ އަމުރުގައި ބުނީ، ބޯޓު ގަތުމުގެ ފައިސާ ދެއްކީ ކައިޒީންކަން ސާބިތުކުރަން ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި ބޯޓު ގަތުމަށް ފައިސާ ދިން ކަމަށް އޭނާގެ ބައްޕަ އިންކާރުކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން މިއީ ކައިޒީންގެ ހައްގު ހިމެނޭ މައްސަލައެއްކަން ސާފުކޮށް އެނގިގެންދާ ކަމަށް އަމުރުގައިވެއެވެ.
ވަގުތީ އަމުރުގައި އިތުރަށް ބުނީ، ކައިޒީން އެދިފައިވާ ގޮތަށް ވަގުތީ އަމުރު ނެރެނުދީފިނަމަ، އޭނާއަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބުމުގެ އިހުތިމާލު އޮތް ކަމަށެވެ. އަދި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުނިމެނީސް ބޯޓުގެ ރަޖިސްޓްރީ އެހެން ފަރާތެއްގެ ނަމަށް ބަދަލުވެއްޖެނަމަ ވެސް ކައިޒީންއަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށެވެ.
މި މައްސަލަ ބެއްލެވީ ގާޒީ ޒުލައިހާ ޝީޒާއެވެ.
ޚަބަރު
ޚަބަރު