އަންނަ އަހަރު ރާއްޖޭގެ އާމްދަނީ އިތުރުވެ ރަނގަޅު ނަތީޖާއެއް ހޯދި ނަމަވެސް ދަރަނި ދެ ގުނައަށް ބޮޑުވާނެ ކަމަށާއި ތަކެތީގެ އަގުތައްވެސް ބޮޑު ވާނެ ކަމަށް ލަފާކުރެވޭ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފިއެވެ.
ރާއްޖޭގެ އިގުތިސޯދީ ހާލަތު ދެނެގަތުމަށް އައިއެމްއެފްގެ ވަފުދެއް ރާއްޖެއަށް ކުރި ދަތުރަށް ފަހު ތައްޔާރުކުރި ރިޕޯޓަށް އެޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ.
އެބަޔާނުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ އިގުތިސޯދީ ދުވެލި ހުރީ ރަނގަޅަށެވެ. ނަމަވެސް ދުނިޔޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުން ރާއްޖެއަށް އަދިވެސް ނުރައްކާ އެބައޮތް ކަމަށެވެ.
އައިއެމްއެފްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ އުފެއްދުންތެރިކަން ޖީޑީޕީގެ ނިސްބަތުން އަންނަ އަހަރު 10.5 ޕަސެންޓާއި 6.6 ޕަސެންޓަށް އިތުރުވާނެއެވެ. އަދި އިންފްލޭޝަން މިހާރު ހުރި މިންވަރަށްވުރެ އިތުރުވެ، 2023 ވަނަ އަހަރު 4.9 ޕަސެންޓަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އޭގެ ސަބަބުން ހަކަތަ އާއި ކާބޯތަކެތީގެ އަގުތައް އަދިވެސް އުފުލޭނެ ކަމަށް އެޖަމިއްޔާއިން ބުނެފައިވާ އިރު އެއީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ހަރަދުކުރުމުގެ ޕްރެޝަރުތަކާ އެކު، މުދަލާއި ހިދުމަތުގެ ޓެކްސް ބޮޑުކުރުމުން އެއްފަހަރާ ކުރާ އަސަރު ދައްކުވައިދޭ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
އެ ރިޕޯޓުގައިވާ ގޮތުން ކޮވިޑުގެ ތެރޭގައި ޖީޑީޕީގެ ނިސްބަތުން 154 އަށް ދަރަނި އެރުމަށް ފަހު ދަރަނީގެ ނިސްބަތް މިހާރު އެއަށް ވުރެ ކުޑަވެފައި ވިޔަސް، އަދިވެސް ރާއްޖޭގެ ދަރަނި ވަރަށް ބޮޑެވެ. އަދި އިގުތިސޯދީ ދުވެލި ރަނގަޅުވެ އާމްދަނީގެ ރަނގަޅު ނަތީޖާތަކެއް ރާއްޖެއިން ހޯދަމުން ދިޔަ ނަމަވެސް އަންނަ އަހަރު މާލީ ޑެފިސިޓް ދެގުނައަށް ދެމި އޮންނާނެއެވެ. އޭގެ ތެރޭގައި އަދިވެސް ބޮޑަށް އޮތީ ބޭރުގެ ދަރަނީގެ ނުރައްކާ ކަމަށާއި ޖުމްލަ ގޮތެއްގައި ދަރަނީގެ ދަތިކަމުގެ ނުރައްކާ ރާއްޖެއަށް ބޮޑު ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
އޭގެ އިތުރުންވެސް ބޭރުގެ ފައިނޭންސްތަކަށް ބަރޯސާވާ މިންވަރު އިތުރުވުމުގެ ސަބަބުން މިހާރު ވެސް މަދުވެފައިވާ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް އޭގެ ބާރު ބޮޑުވާނެ ކަމަށާއި ދަރަނި ދައްކަން ފައިސާ ހޯދުން ނުވަތަ ދަރަނި ފަސްކުރުން ފަދަ ކަންކަމަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ބޮޑުވާނެ ކަމަށެވެ. އަދި ޑޮލަރު ލިބުމުގެ ދަތިތައް އަދިވެސް އެބަހުރި ކަމަށާއި ކަޅުބާޒާރުގައި ޑޮލަރުގެ އަގު ހުރި މިންވަރުން އެކަން ދޭހަވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
އެކަންކަން ކުޑަކުރުމަށް އައިއެމްއެފްގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ވަނީ މުހިންމު މާލީ އިސްލާހީ ފިޔަވަޅުތަކެއް އަޅަން ރާއްޖެއަށް ގޮވާލައިފައެވެ.
އެގޮތުން އެންމެ މުހިއްމު ފިޔަވަޅު ތަކުގެ ތެރޭގައި ދައުލަތުގެ ހަރަދު، ހާއްސަކޮށް ކޮންމެހެން ބޭނުން ނޫން ބޮޑެތި މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ހަރަދު ކުޑަކުރުމަށާއި ރާއްޖޭގެ އެތެރޭގެ ވަސީލަތްތަކުން ލިބޭ އާމްދަނީ އިތުރުކުރުމަށާއި ދައުލަތުގެ ދަރަނި މެނޭޖުކުރުން ވިސްނުންތެރިކަމާއެކު ހަރުދަނާކުރުމަށާއި އާންމުކޮށް އެންމެންނަށް ސަބްސިޑީ ދިނުން ހުއްޓާލައި ހައްގުވާ ފަރާތްތަކަށް އެކަނި އެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން ޓެކުހާއި ސަބްސިޑީ އިސްލާހުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އަޅަމުން އަންނަ މުހިންމު ފިޔަވަޅުތަކަށް ޑިރެކްޓަރުން މަރުހަބާ ވިދާޅުވެ، އެ ފިޔަވަޅުތައް އަވަހަށް ތަންފީޒުކުރުމަށްވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު