މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިއަށްގެންދަމުންދާ "ޕޯޓް ސޭފްޓީ" ވީކްގެ ހަރަކާތްތަކުގެ ތެރެއިން ޕޯޓް ސޭފްޓީއާ ގުޅޭ ހާއްސަ ފޯރަމެއް ބާއްވައިފިއެވެ.

"ޕޯޓް ސޭފްޓީ ފޯރަމް" ކުރިއަށް ގެންދިޔައީ މިއަދު ސޯޝަލް ސެންޓަރުގައެވެ. މި ފޯރަމްގައި އެމްޕީއެލްގެ ބޯޑް މެމްބަރުންނާއި ޑިޕާޓްމަންޓުތަކުގެ ވެރިންގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް، ޕޯޓް ހެލްތު، މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެމްއެންޑީއެފްގެ އިތުރުން ޕޯޓުގައި މަސައްކަތްކުރާ ކްލިއަރިން އޭޖެންޓުންގެ ފަރާތުން މަންދޫބުން ބައިވެރިވިއެވެ.

އެމްޕީއެލުން މިއަދު ބުނީ މި ފޯރަމްގެ މައިގަނޑު ބޭނުމަކީ އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީގެ ލަނޑުދަނޑިތަކާ ގުޅޭ ގޮތުން ކުންފުނީގެ އެކި ޑިޕާޓްމަންޓުތަކާއި ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށް މިހާރު ދިމާވެފައިވާ މައްސަލަތައް ދެނެގަނެ ހިޔާލު ބަދަލުކުރުން ކަމަށެވެ.

އެގޮތުން މިއަދުގެ ފޯރަމްގައި އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީއާ ގުޅުންހުރި އެކި މައުލޫއުތަކާ ގުޅޭގޮތުން މަޝްވަރާކަޮށް ހިޔާލު ބަދަލުކޮށްފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.

މި ފޯރަމްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ޕޯޓަކީ ނުރައްކާތެރި މަސައްކަތްކުރާ މާހައުލަކަށްވާ އިރު، އެތަނުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ އެމްޕީއެލް އާއި ޕޯޓުގައި މަސައްކަތްކުރާ ހުރިހާ ފަރާތްކުންވެސް ގުޅިގެން ކަމަށެވެ. އަދި މިފަދަ ފޯރަމެއްގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ އެކުންފުނީގެ މުހިންމު އެއް ލަނޑުދަނޑި ކަމަށެވެ. އަދި މިހާރުވެސް ޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކޮށް ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

މިއީ އެމްޕީއެލްގެ ސޭފްޓީ ވީކް ހަރަކާތް ކުރިއަށްގެންދާ ތިންވަނަ އަހަރެވެ. މިއަހަރުގެ ސޭފްޓީ ވީކް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ހަފުތާއެއްގެ މުއްދަތަކަށް ކުރިއަށްގެންދާ މިހަރަކާތުގައި މި އަހަރު ވެސް ގިނަ ކަންކަން ހިމަނާފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.