މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިސްނަގައިގެން ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ "ޕޯޓް ސޭފްޓީ ވީކް 2022" ފަށައިފިއެވެ.
މިއީ މި ހަރަކާތް ކުރިއަށްގެންދާ ތިންވަނަ އަހަރެވެ. މިއަދު ހެނދުނު އެމްޕީއެލްގެ ޕޯޓް ސަރަަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އަހަރުގެ ޕޯޓް ސޭފްޓީ ވީކް ފައްޓަވައިދެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ.
މިއަދުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މިއަހަރުގެ ޕޯޓް ސޭފްޓީ ވީކާ ގުޅޭ މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ ސޭފްޓީ ވީކްގެ މަގުސަދަކީ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް މުވައްޒަފުންނާއި ބަނދަރު ބޭނުންކުރާ އެހެނިހެން ފަރާތްތައް އަހުލުވެރިކުރުވުން ކަމަށާއި މިއީ މުހިއްމު ޕްރޮގްރާމެއް ކަމަށެވެ. އަދި ބަނދަރުތަކުގެ އޮޕަރޭޝަންތަކުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުވާ މާހައުލެއް ގާއިމުކުރުމަކީ އެމްޕީއެލްގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ވިދާޅުވިއެވެ.
"ބަނދުރުގެ ސަލާމަތާއި ރައްކާތެރިކަން އަޅުގަނޑުމެންނަށް ކުރީގައި މި ނެގިފައި އޮންނަނީ ވަރަށް ލުއި ގޮތަކަށް. ފައިވާނަކަށް އަރައިގެންވެސް ވަދެވޭ ގޮތަށް. މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ޕޮލިސީތަކާއި ޕްރޮސީޖާތަކެއް ނުހުރޭ. މުވައްޒަފުންނަށް ސަލާމަތާއި ރައްކާތެރިކަމުގެ ޓްރެއިނިން ދެވިފައި ހުންނަ މިންވަރުވެސް މަދު. މިފަދަ ކަންތައްތަކުގެ ހޭލުންތެރިކަން އިތުރުކޮށް ސަލާމަތާއި ރައްކާތެރިކަމުގެ ސަގާފަތެެއް ބަނދަރު ތެރޭގައި އަށަގެންނެވުން މި ޕްރޮގުރާމުގެ އަމާޒަކީ،" ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި އަހަރުގެ ސޭފްޓީ ވީކުގައި ޕޯޓް ސޭފްޓީއާ ގުޅުން ހުރި ފޯރަމެއްގެ އިތުރުން ހޭލުންތެރިކަމުގައި ޕްރޮގުރާމުތަކާއި ޓްރެއިނިން ޕްރޮގުރާމުތަކާއި ހެލްތް ސްކްރީނިން ޕްރޮގްރާމެއް ހިންގަން ނިންމާފައިވާ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެމްޕީއެލުން ވަނީ އެ ކުންފުނީގެ ހެލްތް އެންޑް ސޭފްޓީ ސްޓޭންޑަޑް ތަންފީޒުކުރުުމުގެ ގޮތުން "ހެލްތް އެންވަޔަރަމަންޓް ޕޮލިސީ ސްޓޭޓްމަންޓް" އިފުތިތާހު ކޮށްފައެވެ.
އެމްޕީއެލުން މައުލޫމާތު ދޭ ގޮތުގައި މި ޕޮލިސީ ސްޓޭޓްމަންޓްގެ ބޭނުމަކީ ސިނާއަތުގެ އެންމެ ރަނގަޅު އުސޫލުތައް ތަންފީޒުކޮށް ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކަަށް ތަބާވެ އެ ކުންފުނީގެ ހުރިހާ ހަރަކާތްތަކާއި އޮޕަރޭޝަންތައް ރައްކާތެރިކަމާއެކު ކުރިއަށްގެންދާކަން ކަށަވަރު ކުރުމެވެ.
ޕޯޓުގައި މަސައްކަތްކުރާ މަޖޫރީ ގުރޫޕުތަކުގެ ފަރާތުން ލިބޭ އެއްބާރުުލުމާއި އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން އެމްޕީއެލްގެ ފަރާތުން މިއަދުގެ ރަސްމިއްޔާތުގައި ވަނީ ހެލްމެޓްތަކެއް ހަދިޔާކޮށްފައެވެ.
އަދި އެ ކުުންފުނީގެ ސޭފްޓީ ޑިޕާޓްމަންޓަށް ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނާއި މާލެ ވިޔަފާރި ބަނދަރުގައި ހިނގާފައިވާ އެކި ހާދިސާތަކުގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ހަރަކާތްތެރިވި މުވައްޒަފުންނާއި އެމްޕީއެލްއާއެކު މަސައްކަތްކުރާ އެހެން މުއައްސަސާތަކުގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް ވަނީ ހަނދާނީ ފިލާ ދީފައެވެ.
މި ރަސްމިއްޔާތުގައި މާލޭ ވިޔަފާރި ބަނދަރުގައި މީގެ ކުރިން ހިނގާފައިވާ ނުރައްކާތެރި ހާދިސާތަކުގައި މަރުވި މީހުންގެ ހަނދާން އާކުރުމުގެ ގޮތުން ސުކޫތެއް ވަނީ ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު