ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގެ ހިދުމަތްތަކަށް ބޭނުންވާ, ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އޮތެންޓިކޭޓާ އެޕެއް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

އޮތެންޓިކޭޓާ އެޕަކީ ވަކި ވަގުތެއްގެ ތެރޭގައި ކޮންމެ 30 ސިކުންތަކުން ކޯޑު ޖެނެރޭޓް ކުރެވޭ ގޮތަށް އިންސްޓޯލްކުރެވޭ އެޕްލިކޭޝަނެކެވެ. އޮތެންޓިކޭޓާ އެޕް މިހާރު އިންޓަނެޓް ބޭންކިން ނުވަތަ މޯބައިލް ބޭންކިންގައި ބޭނުންކުރެވޭ ގޮތަށް އެކްޓިވޭޓް ކުރެވޭނެއެވެ.

ބީއެމްއެލުން މިއަދު ބުނީ މި ބަދަލާއެކު ކަސްޓަމަރުން ޓްރާންސެކްޝަން ހެދުމަށް ބޭނުންވާ އޯޓީޕީ ޖެނެރޭޓްކުރުމަށް "ގޫގުލް އޮތެންޓިކޭޓާ" ނުވަތަ "މައިކްރޯސޮފްޓް އޮތެންޓިކޭޓާ" ފަދަ އެޕެއް ޑައުންލޯޑްކޮށް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. މިގޮތަށް އެކްޓިވޭޓްކުރުމުން ޓްރާންސެކްޝަން ހެދުމަށް އޯޓީޕީ ލިބޭ ގޮތްތަކުގެ ތެރޭގައި އޮތެންޓިކޭޓާވެސް ހިމެނޭނެ ކަމަށް ބުންޏެވެ.

ބޭންކުން ބުނީ މި އާ ފީޗާ އާއެކު މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑިފޯލްޓްކޮށް އޯޓީޕީ ލިބޭނެ ޗެނަލެއްގެ ގޮތުގައި އީމެއިލް ނުހިމެނޭނެ ކަމަށެވެ. ނަމަވެސް އޯޓީޕީ ލިބޭ ޗެނަލެއްގެ ގޮތުގައި އީމެއިލް ހިމެނުމަށް ބޭނުންވާ ކަސްޓަމަރުންނަށް ވެރިފިކޭޝަން ޕްރޮސެސްއަކަށްފަހު އީމެއިލަށް އޯޓީޕީ ލިބޭ ގޮތަށް ހަމަޖެއްސޭނެ ކަމަށް ބޭންކުން ބުންޏެވެ.

މި އާ ފީޗާއާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ސްކޭމްތަކުގައި އާންމުކޮށް ކަސްޓަމަރުންގެ އީމެއިލަށް އެހެން ފަރާތްތަކަށް ވަދެވޭ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އީމެއިލަށް އަންނަ އޯޓީޕީ، ސްކޭމް ހިންގާ ފަރާތްތަކަށް ލިބި، ކަސްޓަމަރުންގެ އެކައުންޓުން ޓްރާންސެކްޝަންތަކެއް ހެދުމަށް ފުރުސަތު ސްކޭމަރުންނަށް ލިބިގެންދާ ކަމަށެވެ.

ނަމަވެސް އޮތެންޓިކޭޓާ އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަމަޖެހިގެން ދިޔުމާއެކު އީމެއިލް ކޮމްޕްރޮމައިޒްވެފައިވާ ހާލަތެއްގައިވެސް މުއާމަލާތްތައް ހިންގުމަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށް ކާލް ވިދާޅުވިއެވެ.

"މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ގޮތްތަކަށް ބަދަލުތައް އަންނަމުންދާ އިރު، ބޭންކުން ވެސް މިދަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް މަސައްކަތްތައް ކުރަމުން. އަޅުގަނޑުމެން ކަސްޓަމަރުންގެ ކިބައިން އެދެނީ ސްކޭމް ހިންގާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތައް ދެނެގަނެ، އެއްވެސް ޒާތީ މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާނުކުރުމަށް." ކާލް ވިދާޅުވިއެވެ.

  • އިންޓަނެޓް ނުވަތަ މޮބައިލް ބޭންކިން އެޕަށް ލޮގިންކޮށްލާ
  • މޮބައިލް އެޕް މެދުވެރިކޮށް އޮތެންޓިކޭޓާ އެކްޓިވޭޓް ކުރުމަށް "'މޯ" އަށް ފިތާލާ. އެއަށް ފަހު "އެޕްލިކޭޝަންސް" އަށް ފިތާލުމަށްފަހު އެކްޓިވޭޓްކޮށްލާ
  • އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކްޓިވޭޓްކުރާނަމަ "ސެޓިންގްސް" އަށް ފިއްތާލާ. އެއަށްފަހު އެކްޓިވޭޓްކޮށްލާ
  • ބޭނުންވާ އޮތެންޓިކޭޓާ އެޕް ޑައުންލޯޑް ކުރުމަށްފަހު ޔުނީކް ކިއުއާރު ކޯޑް ސްކޭންކޮށްލާ
  • ވެރިފިކޭޝަން އަށާއި އެކްޓިވޭޓް ކުރުމަށް އޮތެންޓިކޭޓަ ކޯޑު ޖަހާލާ