ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މައްސަލާގައި މަރު ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު އެކުލަވާލި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުވަން ނިންމައިފި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، މިއަދުގެ ވަގުތެއްގައި އެ ރިޕޯޓް މަރު ކޮމިޝަންގެ ފަރާތުން ރައީސްގެ އަތްޕުޅަށް އަރުވާނެއެވެ. ނަމަވެސް އެ ރިޕޯޓް އާއްމު ކުރާނެ ކަމެއް ކަށަވަރެއް ނޫނެވެ.

އެކަމާ ގުޅިގެން "ވަން" އިން މަރު ކޮމިޝަނަށް ގުޅުމުން އެކަމުގެ ރަސްމީ މައުލޫމާތެއް ދެވެން ނެތް ކަމަށް ވަނީ ބުނެފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދަށް "ވަން' އިން ގުޅުމުން ވަނީ، ރައީސް މިވަގުތު ހުންނެވީ ގަތަރުގައި ކަމަށާއި އެ ފަދަ މައުލޫމާތެއް އަދި ލިބިފައި ނެތް ކަމަށް ވިދާޅުވެފައެވެ.

އިތުބާރު ހިފޭ މަސްދަރަކުން "ވަން" އަށް ކަށަވަރުކޮށްދިން ގޮތުގައި، ރައީސް މިއަދު މެންދުރުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނެއެވެ. އަދި މެންދުރު ފަހުގެ ވަގުތެއްގައި ރިލްވާންގެ މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓް ރައީސް އަތްޕުޅަށް އަރުވާނެއެވެ.

.

މަރު ކޮމިޝަނުން އަންނަނީ 25 މަރެއްގެ މައްސަލަ ބަލަމުންނެވެ. އޭގެ ތެރޭގައި ރިލްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދު މަރާލި މަައްސަލައާއި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ އަފްރާޝީމް އަލީ މަރާލި މައްސަލަ ހިމެނެއެވެ.

ރިލްވާންގެ މަރާލި މައްސަލައިގައި ދައުލަތުން މިހާރު ވަނީ ތިން މީހެއްގެ މައްޗަށް ދައުވާވެސް އުފުލާފައެވެ. ދައުވާކޮށްފައިވަނީ މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި، މއ. ފާގަފިލާގެ، އަހްމަދު އިސްމާއީލް (އަހަނދު) އަދި މާލެ ދަފްތަރު އަހްމަދު މުއާޒު (ގަޓު މުއާ) އަށެވެ.

އިސޫގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ދެ ދައުވާއެވެ. އެ ދައުވާތައް އޭނާގެ މައްޗަށް ކޮށްފައިވަނީ ރިލްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރުގެ ތެރޭގައި އިސޫ، ރިލްވާނަށް ފާރަލައި، އޭނާ ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާތީއެވެ. އަދި ޔާމީން ރަޝީދުގެ ޔާމީންގެ ބްލޮގާއި ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާ ކަމަށް ބުނެ، 2017 ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދަށް ފާރަލައި މަރާލުމަށް އެހީތެރިވެދީފައިވާތީއެވެ.

އަހަނދުގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީ އާއި އޭނާއާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، ރިލްވާން ރަހީނުކޮށް މަރާލާފައިވާތީއެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ 23 އޭޕްރީލް 2017 ދުވަހުގެ ރޭ ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި އޭނާއަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް، އެކަން ކުރުމަށް އެހީތެރިވެދީފައިވާތީއެވެ.

ގަޓު މުއާއަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީ އާއި އޭނާއާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، 8 އޯގަސްޓް 2014 ދުވަހުގެ ދަންވަރު ރިލްވާން ރަހީނުކޮށް މަރާލާފައިވާތީއެވެ.

އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އެމީހުންގެ މައްޗަށް މިދިޔަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ދައުވާ އުފުލި އިރު، އެ މީހުންވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.