ވޯލްޑް ކަޕް އާއްމުންނަށް ދެއްކުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑު ލެޑް ޕެނަލާ އެކު ކުރިއަށް ގެންދާ "ބޯޅަފޯރީ" ގައި ފައިނަލް މެޗު ބެލުމަށް ދާ ފަރާތްތަކަށް އަގުހުރި ހަދިޔާތަކެއް ދިނުމަށް އެކުންފުނިން މިއަދު ނިންމައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ އެކޯޕަރޭޝަނާއި މީޑިއާ ނެޓާ ގުޅިގެން މެޗު ބަލަން އަންނަ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ބާއްވާނެ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް 5000 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށްވެސް އެކޯޕަރޭޝަނުން ބުންޏެވެ.

ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް މެޗުތައް ހުޅުމާލޭގައި ދެއްކުމުގެ ގޮތުން "ބޯޅަފޯރި"ގެ ނަމުގައި އެޗްޑީސީން ވަނީ ހުޅުމާލޭގެ ދެ ސަރަހައްދެއްގައި 20 ފޫޓު 40 ފޫޓުގެ ބޮޑު ސްކްރީނުގައި ވޯލްޑް ކަޕް ބެލުމުގެ އިންތިޒާމް ހަމަޖައްސައިފައެވެ. އެގޮތުން ހުޅުމާލެ ސިންތެޓިކް ޓްރެކާއި ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ސަރަހައްދުގައި ބޮޑު ސްކްރީނުގައި މެޗުތައް އަޅުވައެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުން ބޭނުންވާކަންކަން ދެނަގަނެ އެކަންކަން އާންމުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ވޯލްޑް ކަޕް ނިމެންދެން މިފަދަ ގިނަ ހަރަކާތްތައް އެކި ދުވަސްތަކުގެ މަތިން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ވޯލްޑް ކަޕްގައި މިހާރު ކުރިއަށްދަނީ ސެމީ ފައިނަލްގެ މެޗްތަކެވެ. އެގޮތުން ރޭ ސެމީގެ ފުރަތަމަ މެޗުގައި އާޖެންޓީނާއިން ވަނީ 3-0 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށް، ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ 12:00 ގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އާއި މޮރޮކޯއެވެ.