އެލްމިނިއަމް ފަތިން ޑިއުޓީ ބޮޑު ކުރިކަމަށް ބުނެ، ދެކެވޭ ވާހަކަތައް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދޮގުކޮށްފިއެވެ.
ސެލްބީ އިންވެސްޓްމެންޓް ނަމަކަށް ކިޔާ ކުންފުންޏަކުން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ، އެލުމިނިއަމުން ނަގާ ޑިއުޓީ ސުން ޕަސެންޓުން 10 ޕަސެންޓަށް، ކުރިން އެންގުމަކާ ނުލައި ކަސްޓަމްސް އިން ބޮޑުކޮށްފައިވާ ކަމަށެވެ.
އެ ތުހުމަތުތައް ދޮގުކޮށް ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސެލްބީ ކުންފުނިން ރާއްޖެ އެތެރެކުރުމަށް ގެނެސްފައިވާ ޝިޕްމެންޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި އެ ޝިޕްމެންޓުގައި ހުރި އެލްމިނިއަމް ދޮރު އަދި ވިންޑޯ ފްރޭމްވޯކް ކަމަށް ބަޔާންކޮށްފައިވާތީ، އެ ޝިޕްމެންޓުގައި ހިމެނެނީ ފަތިތޯ ނުވަތަ ފްރޭމްތޯ ޔަގީންކޮށް އެޗްއެސް ކޯޑް އިސްލާހު ކުރަން އަންގާފައިވާނެ ކަމަށެވެ.
ކަސްޓަމްސްއިން ބުނީ ފަހުން ސެލްބީން އެޗްއެސް ކޯޑް އިސްލާހުކުރުމަށްފަހު ހުށަހަޅާފައިވާ ކަމަށާއި ކަސްޓަމްސް އިން މުދަލުގެ ޑިކްލަރޭޝަން ނިންމާފައިވަނީ އެ ހުށަހެޅުމަށް ބަލައިގެން ކަމަށެވެ. އަދި ސެލްބީގެ ފަރާތުން ގެނެސްފައިވާ އެ ޝިޕްމެންޓް އަދިވެސް ހުރީ ކޮމާޝަލް ބަނދަރުގައި ކަމަށެވެ.
ކަސްޓަމްސްއިން ބުނީ އެކްސްޕޯޓް/އިމްޕޯޓް ގާނޫނުގައި އެލްމިނިއަމް ވިންޑޯ ފްރޭމް (އެޗްއެސް ކޯޑް 7610100014) އަށް ޑިއުޓީ ގޮތުގައި 10 ޕަސަންޓް ނަގަން ކަނޑައަޅާފައިވާ ކަމަށާއި އެލްމިނިއަމް ފަތި (އެޗްއެސް ކޯޑް 7604100012) ޑިއުޓީއަކީ ޒީރޯ ޕަސަންޓް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އިމްޕޯޓް/އެކްސްޕޯޓް މުދާ ކްލިއާ ކުރުމުގައި ކަސްޓަމުން އަމަލުކުރާ ގޮތަކީ މުދަލުގެ މައުލޫމާތު ހިމެނޭގޮތަށް ވެރިފަރާތުން މުދާ ޑިކްލެއާކުރުމުން، ޑިކްލެއާކުރާގޮތަށް ބަލައި، ކަނޑައެޅިފައިވާ ޑިއުޓީ ރޭޓުން ޑިއުޓީ ދެއްކުމުން މުދާ ދޫކުރުން ކަމަށް ކަސްޓަމުން ބުންޏެވެ.
ސެލްބީގެ ފަރާތުން ރާއްޖެއަށް ގެނެސްފައިވާ މުދާ ޝިޕްމަންޓް ބަލައިފާސްކޮށް ދޫކުރާ އިރު، ޝިޕްމަންޓްގައި ހިމެނެނީ އެލްމުނިއަމް ފަތިކަމަށްވާނަމަ، އެފަރާތުން ޑިއުޓީގެ ގޮތުގައި އިތުރަށް ދައްކާފައިވާ ފައިސާ ރިފަންޑްކުރެވޭނެ ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.
"މިދެންނެވި ކަންކަން މިހެން ހުރިއިރު ސެލްބީ އިންވެސްޓްމެންޓް ފަދަ ރާއްޖޭގައި ދިގުމުއްދަތަކަށް ފުޅާދާއިރާއެއްގައި އިމްޕޯޓުކުރުމުގައި ހަރަކާތްތެރިވާ ކުންފުންޏަކުން ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް މިފަދަ ބަޔާނެއް ނެރުނީތީ މި ސާވިސްގެ ފަރާތުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ ލިޔެކިއުން ނިންމުމާއި މުދާ ކްލިއާކުރުމުގެ އުސޫލު ރަނގަޅަށް އެނގިތިބެ ރައްޔިތުންނަށް އޮޅޭގޮތަށް މިފަދަ ބަޔާންތައް ނެރެ ތަކެތީގެ އަގު އުފުލުމަށް މަގުފަހިވާގޮތަށް ކުރެވޭ މިފަދަ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް މި ސާވިސްއިން އިލްތިމާސް ކުރަމެވެ،" ކަސްޓަމުން ބުންޏެވެ.
ކަސްޓަމުން ބުނީ، އެކްސްޕޯޓް އިމްޕޯޓް ގާނޫނުގައި ބަޔާންކުރެވިފައިވާ ޑިއުޓީ ރޭޓްތަކަށް ރިއާޔަތްކޮށް މުދާ ކްލެސިފައިކުރެވެނީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ ހާމަނައިޒްޑް ސިސްޓަމްސް (އެޗްއެސް) ކޮންވެންޝަންގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށެވެ.
އެގޮތަށް މުދާ ކްލެސިފައި ކުރާއިރު، މުދަލަށް ކަނޑައެޅިފައިވާ ކޯޑަކީ ކުއްލިއަކަށް ބަދަލުވާނެ އެއްޗެއް ނޫން ކަމަށާއި މުދަލުގެ ކޯޑަށް ބަދަލު ގެނެވުނަސް އެ ބަދަލެއް މައިގަނޑުގޮތެއްގައި އަންނާނީ އެކްސްޕޯޓް/އިމްޕޯޓް ގާނޫނަށް ގެންނަ އިސްލާހަކާ ގުޅިގެން ކަމަށް ކަސްޓަމުން ބުންޏެވެ.
ކަސްޓަމްސްއިން އެލްމުނިއަމް ފައްޗަށް ޒީރޯ ޕަސަންޓް އަދި ވިންޑޯ ފްރޭމަށް 10 ޕަސަންޓް ޑިއުޓީ ނަގަމުންދަނީ 2020 ވަނަ އަހަރު އެކްސްޕޯޓް/އިމްޕޯޓް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު