މިދިޔަ ނޮވެމްބަރު މަހު ރާއްޖޭގެ އިމްޕޯޓް އިތުރުވެ އެކްސްޕޯޓް ދަށްވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާމަކޮށްފިއެވެ.
ކަސްޓަމްސްއިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިއެފްގެ އަގު މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅައި ބަލާއިރު 15 ޕަސެންޓް ވަނީ އިތުރުވެފައެވެ. މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 4.6 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކައެވެ. މިއީ މިއަހަރުގެ އޮކްޓޯބަރު އިމްޕޯޓްކުރި 4.2 ބިލިއަން ރުފިޔާގެ މުދަލަށްވުރެވެސް އިތުރު އަދަދެކެވެ.
ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅައި ބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އަގު ފަސް ޕަސެންޓަށް ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 176 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރިކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު މި އަހަރު ނޮވެމްބަރު މަހު އެ އަދަދު ހުރީ 168 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ މިދިޔަ އޮކްޓޯބަރު މަހާ އަޅައި ބަލާއިރުވެސް ދަށް އަދަދެކެވެ. މިދިޔަ އޮކްޓޯބަރު މަހު ރާއްޖެއިން 186 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވެ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ނޮވެމްބަރު މަހު އިމްޕޯޓު އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 359 މިލިއަން ރުފިޔާއަށް އަރައެވެ. އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅައި ބަލާއިރު 15 ޕަސެންޓުގެ އިތުރުވުމެއް ނަމަވެސް މިއަހަރުގެ އޮކްޓޯބަރު މަހާ އަޅައި ބަލާއިރު ދަށް އަދަދެކެވެ. އޮކްޓޯބަރު މަހު އިމްޕޯޓު އަދި އެކްސްޕޯޓުން ލިބުނު އާމްދަނީ 364 މިލިއަން ރުފިޔާއަށް އަރައެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އިމްޕޯޓުކޮށްފައި ވަނީ ތެލާއި ކާބޯތަކެތީގެ ބާވަތްތަކެވެ. މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ އޮމާން، އިންޑިއާ، ޔޫއޭއީ ސިންގަޕޫރް، އަދި ޗައިނާ އިންނެވެ. އެގޮތުން އޮމާނުން 761 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު، އިންޑިއާ އިން 760 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ޔޫއޭއީއިން 594 މިލިއަން ރުފިޔާގެ މުދާ، ސިންގަޕޫރުން 472 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާއިން 420 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
އެކްސްޕޯޓަށް ބަލާއިރު މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައި ވަނީ ތައިލޭންޑަށާއި ޖަރުމަނަށާއި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ އަދި ފްރާންސަށެވެ. ރާއްޖެއިން މުދާ ބޭރުކުރި ނިސްބަތަށް ބަލާއިރު އެންމެ ގިނަ މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑަށެވެ. އެއީ ބޭރުކުރި މުދަލުގެ 35 ޕަސެންޓެވެ. ފައިސާއިން ބަލާއިރު 59 މިލިއަން ރުފިޔާގެ މުދަލެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ގަނޑުކުރި ކަނޑުމަހެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް މުދާ ހިފައިގެން 116 އުޅަނދެއް އައިސްފައިވެއެވެ. އަދި 99 އުޅަނދެއް ފުރާފައިވެއެވެ. މިދިޔަ މަހު ކަސްޓަމްސް ރޯޔަލްޓީއަށް ލިބުނީ 1.2 މިލިއަން ރުފިޔާއެވެ. މިއަހަރުގެ އޮކްޓޯބަރު ކަސްޓަމްސް ރޯޔަލްޓީއަށް 8.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު