ޕިލިޕީންސްގެ އެލްޑާސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް ސްރިލަންކާގެ އެއިމްސް ކޮލެޖުން ހިންގަމުން ގެންދާ ޕީއެޗްޑީ ޕްރޮގްރާމަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)ގެ މިންގަނޑުތަކަށް ފެތޭ ކޯހެއް ކަމަށް އެ އިދާރާއިން ނިންމާފައިވާ ކަމަށް އެއިމްސް ކޮލެޖުން ޕީއެޗްޑީ ހާސިލުކުރި ދަރިވަރުން ބުނެފިއެވެ.
އެއިމްސް ކޮލެޖުން ކުރިއަށްގެންދާ ޕީއެޗްޑީ ކޯހަކީ އެމްކިޔުއޭގެ މިންގަނޑަށް ފެތޭ ކޯހެއް ކަމަށްނުވާތީ އެ އިދާރާއިން ވަނީ ދަރިވަރުންގެ ޕީއެޗްޑީ ގަބޫލުނުކުރަން ނިންމައިފައެވެ.
އެއިމްސް ކޮލެޖުން ޕީއެޗްޑީ ހާސިލުކުރި ދަރިވަރުން "ވަން"އަށް ފޮނުވި ލިޔެކިޔުންތަކުގައިވާ ގޮތުން އެ ދަރިވަރުން އެއިމްސް ކޮލެޖުން ޕީއެޗްޑީ ހާސިލުކުރީ އެމްކިޔުއޭ އިން އެ ކޯހަށް ހުއްދަ ދިނުމުންނެވެ. އެގޮތުން އެއިމްސް ކޮލެޖުގެ ޕީއެޗްޑީ ކޯހަށް އެމްކިޔުއޭ އިން ހުއްދަ ދީފައިވަނީ 2016 ވަނަ އަހަރުކަން ދަރިވަރުން ހިއްސާކުރި ލިޔުންތަކުން އެނގެއެވެ. ނަމަވެސް ކޯހުގެ ކިޔެވުން ނިމި، ޕީއެޗްޑީ ހާސިލުކުރުމަށްފަހު އެ ސެޓްފިކެޓް އެމްކިޔުއޭއަށް ހުށަހެޅުމުން އެއީ ހުއްދަ ދީފައިވާ ކޯހެއް ނޫން ކަމަށް އެމްކިޔުއޭ އިން ވަނީ ކަނޑައަޅައިފައެވެ.
ދަރިވަރުން ބުނީ 2018 ވަނަ އަހަރު އެމްކިޔުއޭ އިން ކޯހުގެ ފެންވަރު ބެލުމަށްފަހު "ރެކޮގްނިޝަލް ލެޓާ" ދޫކުރުން ހުއްޓާލާފައިވާ ކަމަށާއި ނަމަވެސް ކޯހުގައި ދަރިވަރުން ކިޔަވަން ބޭނުންވާނަމަ އެކަން އަންގަން އެމްކިޔުއޭ އިން އެދިފައިވާ ކަމަށެވެ. އެހެންވެ ދަރިވަރުން ވަނީ އެ ކޯހުގައި ކިޔަވަން ނިންމައިފައެވެ. އެ ދަރިވަރުން ކޯހުގެ ކިޔެވުން ނިންމާފައިވަނީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުއެވެ.
އޭގެ އަހަރެއްހާ ދުވަސް ފަހުން 2021 ވަނަ އަހަރު އެމްކިޔުއޭ އިން އެ ކޯސް ބަލައިނުގަންނަން ނިންމާފައިވާކަމަށް ދަރިވަރުން ބުންޏެވެ. ޕީއެޗްޑީ ކޯހުގައި ކިޔަވަން ފެށީ އެމްކިޔުއޭ އިން ކޯހަށް ހުއްދަ ދިނުމުން ކަމަށާއި އަދި ކޯސް ބަލައިނުގަންނަން އެ އިދާރާއިން ނިންމާފައިވަނީ ކިޔެވުން ފުރިހަމަކުރުމަށްފަހު ޕީއެޗްޑީ ސެޓްފިކެޓް ހުށަހެޅުމުން ކަމަށް ވެސް ބުންޏެވެ.
އެހެންކަމުން އެއިމްސް ކޮލެޖުން ޕީއެޗްޑީ ހާސިލުކުރި ތިން ދަރިވަރަކު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެ ދަރިވަރުން ކޯޓުގައި އެދިފައިވަނީ ޕީއެޗްޑީ ސެޓްފިކެޓް ބަލައިގަތުމަށް އެމްކިޔުއޭގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.
ހުއްދަ ނޫން ޕީއެޗްޑީ ހާސިލުކުރި މައްސަލަ ފެންމަތިވެފައި ވަނިކޮށް އެމްކިޔުއޭ އިން މީޑިއާތަކަށް ބުނެފައިވަނީ 2016 ވަނަ އަހަރު އޭރުގެ އެމްކިޔުއޭ މެނޭޖުމެންޓުން އެ ކޯސް ބަލައިގަންނަން ނިންމި އިރު، އެ ކޯހަކީ ޕިލިޕީންސްގެ ހަޔާ އެޑިއުކޭޝަން ކޮމިޝަނުން ވެސް ބަލައިގަންނަ ކޯހެއް ނޫން ކަމަށެވެ. އަދި ޕިލިޕީންސްގެ ހަޔާ އެޑިއުކޭޝަން ކޮމިޝަނުން އެ ކޯސް ބަލައިނުގަންނާތީ މިހާރުގެ އެމްކިޔުއޭގެ މެނޭޖުމެންޓުން ނިންމީ އެ ކޯސް ބަލައިނުގަތުމަށް ކަމަށް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު