މިނިވަން މީޑިއާއެއް ހިންގަން ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ހަމަޖައްސަން މޯލްޑިވްސް އެޑިޓާސް ގިލްޑް އިން ގޮވާލައިފިއެވެ.

އެޑިޓާސް ގިލްޑް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރަކީ މީޑިއާ ކަމަށާއި ނުފޫޒުތަކުން އެއްކިބާވެ، މީޑިއާގެ ދައުރު އަދާކުރެވިގެން ދިއުމަކީ ފޭރާން ހެޔޮ، ޒިންމާދާރު މުޖުތަމައަކަށް އޮތް އެންމެ ހެޔޮ ގޮތް ކަމަށެވެ. އަދި އެކަން އެގޮތަށް ކުރެވޭނީ މާލީ ނުފޫޒުތަކުން މީޑިއާތައް އެއްކިބާ ކުރެވިގެން ކަމަށްވެސް ބަޔާނުގައި ބުންޏެވެ.

ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތައް އަދި ސިޔާސީ ޕާޓީތަކާއި އެހެން ފަރާތްތަކުން ހިންގާ ހަރަކާތްތަކާއި ކުރާ ކަންކަމުގެ މައުލޫމާތު ގެނެސްދޭ ބަޔަކީ މީޑިއާ ކަމަށާއި ދުވަހުން ދުވަހަށް ރައްޔިތުން ކަންކަން ނިންމުމަށް ބޭނުންވާ ތެދު މައުލޫމާތު ފޯރުކޮށްދޭ ބަޔަކީ ވެސް މީޑިއާ ކަމަށް ބުންޏެވެ.

މީޑިއާތަކުން ތެދު މައުލޫމާތު ފޯރުކޮށް ނުދޭ ނަމަ، އަދި ވަކި ފަރާތަކަށް ޖެހިގެން ހަބަރު ފަތުރާ ނަމަ، ރައްޔިތުން ކަންކަން ނިންމަން ބޭނުންވާ ތެދު މައުލޫމާތު ނުލިބި، މަގު އޮޅޭނެ ކަމަށްވެސް އެޑިޓާސް ގިލްޑުން ބުންޏެވެ.

"މީޑިއާތަކުން އެ މީހުންގެ ޒިންމާތައް އަދާނުކޮށް، ސަރުކާރާއި ދައުލަތް ޒިންމާދާރު ނުކުރެވޭ ނަމަ، ކޮރަޕްޝަނާއި ފަސާދަ އަށަގަނެ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަން މަގު ފަހިވާނެ އެވެ. އަދި ސަރުކާރުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކަށް ބޭނުންކުރަން ހުންނަ ފައިސާ ބޭކާރުވެގެންދާނެ،" އެޑިޓާސް ގިލްޑުން ބުންޏެވެ.

މިނިވަން މީޑިއާއެއް ހިންގޭނީ މިނިވަންކޮށް ފައިސާ ލިބޭނެ ދާއިމީ އުސޫލެއް އޮވެގެން ކަމަށާއި އެގޮތުން ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ވެސް ފައިސާ ދޭ އުސޫލުން، މީޑިއާތަކަށް ވެސް ބަޖެޓުން މިންވަރެއް ހަމަޖެއްސަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ އޮފީސްތަކުންނާއި އެސްޓިމޭޓް ބޭނުންވެގެން ޖަހާ އިއުލާން އިޝްތިހާރުތައް ވެސް އާއްމު މީޑިއާތަކުގައި ޖަހާ ގޮތަށް ދޫކޮށްލަން އެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.

ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނެ އުސޫލެއް ތައާރަފުކޮށް، އެކަން އެންމެ އަވަހަށް ތަނަވަސްކޮށްދިނުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާއި ސިޔާސީ ޕާޓީތަކަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.