އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އޮފީސް ތަޅާލައި 10 ބުރީގެ އާ އިމާރަތެއް ހަދަން ނިންމައިފިއެވެ.

އަހުމަދިއްޔާގެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު "ވަން" އަށް ރޭ ވިދާޅުވީ، އެ އެސްކޫލުގައި ދެބުރިއަށް ހުރި ކުރީގެ އޮފީސް އިމާރަތަކީ 30 ވަރަކަށް އަހަރުގެ ކުރިން ތެޅިގަލުން އިމާރަތްކޮށްފައިވާ އޮފީހެއް ކަމަށެވެ. އެ ތަނުގެ ހާލަތު ދަށްވުމުން މުވައްޒަފުންގެ ރައްކަލަށް އާ އިމާރާތެއް ކުރަން ނިންމީކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

"އެތަަނަކީ މީގެ ވަރަށްކުރިން 30 ވަރަކަށް އަހަރުކުރިން ހަދާފައިވާ އިމާރާތެއް. އެތަނުގައި މިހާރު ވަނީ ރެނދު ލައި ވަރަށް ބޮޑަށް ހަލާކުވެފައި. އޮފީސް އިމާރަތް ބޭނުން ކުރުމުން މުވައްޒަފުންނަށް ނުރައްކަލެއް ދިމާވެދާނެތީ 10 ބުރީގެ އާ އޮފީސް އިމާރަތެއް އަޅަން ނިންމީ" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ، އާ އޮފީސް ހެދުމުގެ މަސައަކަތަށް ހަރަދުކުރާނީ އަހުމަދިއްޔާއިން ކަމަށާއި އޮފީސް އިމާރަތް ހެދުމުގެ މަސައްކަތް 32 މިލިއަން ރުފިޔާއަށް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާ އޮފީސް އިމާރަތުގެ މަސައްކަތް ދެ އަހަރުން ފުރިހަމަ ކުރެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މީ ސްކޫލުގެ އިދާރީ އޮފީސް، އެހެން ނަމަވެސް 15 ކްލާސްރޫމް ހުންނާނެ، އެންމެ ޒަމާނީ ވަސީލަތްތަކާއެކު. އެ ތަނުގައި މަލްޓިޕާޕަސް ދެ ހޯލް، ލެންގުއޭޖް ލެބަކާއި، މީޓިން ރޫމް، ދެ ހޯލް އަދި ދެ ލައިބްރަރީ ތަރައްގީކުރެވިގެންދާނެ" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

އަހުމަދިއްޔާއަކީ އެންމެ ގިނަ ކުދިން ކިޔަވަމުން އަންނަ އެއް ސްކޫލެވެ. އެ ތަނުގައި މި ވަގުތު 41 ކްލާސްރޫމް ހުރިއިރު 2،900 ދަރިވަރުން އަންނަނީ އެ ސްކޫލުން ތައުލީމު ހާސިލުކުރަމުންނެވެ. އެ ސްކޫލަކީ ސާނަވީގައި އެންމެ ރަނގަޅު ނަތީޖާ ވެސް ނެރެމުން އަންނަ އެއް ސްކޫލެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ އަލަށް ގާއިމުކުރާ 15 ކްލާސް ރޫމުގެ ސަބަބުން ދަރިވަރުންގެ ޖާގަ އިތުރު ވެގެން ނުދާނެ ކަމަށެވެ. އެ ކްލާސްރޫމްތައް ބޭނުންކުރާނީ މިހާރު އެ ސްކޫލުގައި ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރުންކަމަށް އޭނާ ވިދާޅުވިއެވެ