ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ކުރިއަށް އޮތް ދެ ތިން ދުވަހުވެސް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައަކީ އާދަޔާ ހިލާފު އެއްވެސް ކަމެއް ފާހަގަވެފައިވާ ވިއްސާރައެއް ނޫން ކަމަށެވެ. ނަމަވެސް އާންމުކޮށްވެސް ކޮންމެ އަހަރަކުވެސް ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ހިސާބުގައި ދެ މޫސުން ބެދޭތީ ވިއްސާރަކުރާ ކަމަށް ވިދާޅުވިއެވެ.
އޮފިޝަލު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އެހެން ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމަޔަށް މިހާރު ވަނީ ވައިޓު އެލާޓުވެސް ނެރެފައި. މި ހިސާބުތަކުގެ އިތުރުން މާލެއަށްވެސް ރާއްޖޭގެ ދެކުނުގެ ހިސާބުތަކަށްވެސް ވާރޭ ވެހޭނެ." އޭނާ ވިދާޅުވިއެވެ.
އޮފިޝަލު ވިދާޅުވީ މިދިޔަ 24 ގަޑިއިރުތެރޭ އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ ބ. ދަރަވަންދޫ އަށް ކަމަށެވެ. އެއީ 58 މިލިމީޓަރެވެ.
މި ދުވަސްވަރު ރާއްޖޭގެ ވައި ވަރަށް ބޮޑަށް ތަޣައްޔަރުވެ ނުސާފު ވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު