މި ދުވަސްވަރު މަސްވެރިކަން ރަނގަޅުވުމުން ގިނަ ދޯނިތަކަށް މަސްކިރަން ފުރުސަތު ދިނުމުގެ ގޮތުން ހޮރައިޒަން ފިޝަރީޒުން މަސް ގަންނަ އަދަދު މިއަދުން ފެށިގެން ލިމިޓްކޮށްފިއެވެ.

ހޮރައިޒަންގެ ދަށުން ހިންގާ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރި ގޮތުން، މިހާރު މަސް ގަންނަ އަގުގައި ރޯމަސް ގަނެ އެކްސްޕޯޓް ކުރުމުން ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށެވެ.

އެހެންކަމުން މިއަދުންް ފެށިގެން ކޮންމެ މަސްދޯންޏަކުންވެސް ގަންނާނީ ފަސް ޓަނު މަސް ކަމަށް އެ ކުންފުނިން ބުންޏެވެ.

ހޮރައިޒަނުން މިގޮތަށް ނިންމާފައިވާއިރު، މަސްވެރިންނަށް ގިނަ އަދަދެއްގެ ފައިސާ ނުދޭ މައްސަލައެއް ފެންމަތިވެ ލާމު އަދި ތ. އަތޮޅުގެ މަސްވެރިން ވަނީ ތިން ދުވަސް ވަންދެން އެ ކުންފުންޏާ ދެކޮޅަށް މުޒާހަރާ ކޮށްފައެވެ. އެ މުޒާހަރާ ހުއްޓާލީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމުންނެވެ.