މާލޭ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދާނެ ރަށެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކ. ކުޑަގިރި އާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފިއެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެކަމަށް ޝައުގުވެރިވާ އަދި ހިދުމަތް ދިނުމަށް އެކަށޭނަ ވަސީލަތްތައް ހުރި ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓެރެސްޓް" (އީއޯއައި) ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. އީއޯއައި ހުށަހެޅުމުގެ ސުން ގަޑިއަކީ މި މަހު ހަތް ވަނަ ދުވަހުގެ 11:00 އެވެ.

މާލެ އާއި ކުޑަގިރިއާ ދެމެދު ކޮންމެ ދުވަހަކު ފެރީ ދަތުރުތައް ކުރުމަށް އެޗްޑީސީން ހޯދަނީ ހަތަރު ފެރީ ދޯންޏެވެ. އެއީ 50 އާއި 70 އާ ދެމެދުގެ މީހުންގެ ޖާގައިގެ ދެ ފެރީގެ އިތުރުން 80 އާއި 100 އާ ދެމެދުގެ މީހުންގެ ޖާގައިގެ ދެ ފެރީއެވެ.

ފެރީ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ގަޑިތައް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. އެގޮތުން މާލެ އިން ކުޑަގިރިއަށް ފެރީ ދަތުރުތައް ބާއްވަނީ ހެނދުނު 06:30 އާއި 06:50 އާއި 07:10ގައެވެ. އަދި ކުޑަގިރިން މާލެއަށް ފެރީ ދަތުރުތައް ބާއްވަނީ ހަވީރު 17:20 އާއި 17:40 އަދި 18:00ގައެވެ. ނަމަވެސް ހިދުމަތް ދޭން ފެށުމާއެކު މި ތާވަލަށް ބަދަލު އައުން އެކަށީގެންވާ ކަމަށް އެޗްޑީސީއިން ބުންޏެވެ.

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކުޑަގިރި ތަރައްގީ ކޮށްފައި ވަނީ އާއިލާތަކަށް ހިތްފަސޭހަކަމާ އެކު ވަގުތު ހޭދަކުރެވޭ ގޮތަށެވެ. މާލެއާ 10.5 ކިލޯ މީޓަރު ދުރުގައިވާ ކުޑަގިރިއަށް ލޯންޗެއްގައި ގާތްގަނޑަކަށް 15 މިނެޓުން ދެވެއެވެ. އެތަން ހިއްކަން ޕްލޭންކުރީ ދަތުރުދާން ރަށަކާ އެކު 1.5 ހެކްޓަރުގެ ސޭންޑްބޭންކް ގޮތަށް ފިނޮޅެއް ވެސް ހަދާ ގޮތަށެވެ.