ބްރޯޑްކާސްޓިން ދާއިރާއަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރުބުލޫ އިބްރާހިމް މަނިކު (ސަމަރޭ) އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނެވެ.
ކުރީގެ އިންފޮމޭޝަން މިނިސްޓަރުކަން ކުރެއްވި އިބްރާހިމް މަނިކު ފާހަގަކުރެވިފައިވަނީ 1970ގެ ދުވަސްވަރު ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއަށް ބަދަލުތައް ގެނެސްދެއްވި މޭސްތިރިއެއްގެ ގޮތުގައެވެ.
އޭނާ ބްރޯޑްކާސްޓިން ހަޔާތް ފެއްޓެވީ ޕާޓް-ޓައިމް ވަޒީފާއެއްގެ ގޮތުގައި 26 ޖުލައި 1974 ވަނަ އަހަރެވެ. ފަހުން އެމެރިކާ އާއި އިނގިރޭސި ވިލާތުން ދާއިރާއާ ގުޅޭ ކުރު ކޯސްތަކެއް ހެއްދެވިއެވެ. އޭގެ ފަހުން 2006އާ ޖެހެންދެން ޓީވީ އަދި ރޭޑީއޯގެ ހިދުމަތުގައި ދެމިހުންނެވިއެވެ.
އޭނާގެ ހިދުމަތްތަކުގެ އަގުވަޒަންކޮށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ފުރަތަމަ ފަހަރަށް ބޭއްވި "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް" ހަފުލާގައި އޭނާއަށް ވަނީ ބްރޯޑްކާސްޓިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވައިފައެވެ.
އިބްރާހިމް މަނިކަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމްގެ ކޮއްކޯފުޅު ފަރީޝާ އިބްރާހިމްގެ ފިރިކަލުންނެވެ. ފަރީޝާ އިބްރާހިމް އަވަހާރަވީ 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
އިބްރާހިމް މަނިކުގެ ހުނަރު އެންމެ ފުރަތަމަ ފެނިގެންދިޔައީ ގިނަ ބައެއްގެ ޝައުގުވެރިކަން ހޯދި ރޭޑިއޯ ޑްރާމާ, "ގިތެޔޮގުޅިން ނެގި ލޯބި" އިންނެވެ. ޓީވީއެމް ސްކޫލް ކުދިންގެ ލަވަ މުބާރާތް ފެއްޓެވީވެސް އޭނާގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ރޭޑިއޯ ޕްރޮގްރާމް, "ބާއްޖަވެރި ހެނދުނެއް" އާއި ރޯދަ މަހުގެ މަގުބޫލު ޕްރޮގްރާމް "ރޯދަ ކުރުކުރުން" ޕްރޮޑިއުސް ކުރައްވައި ހުށަހެޅުއްވި އިރު، ޓީވީ ޕްރޮގްރާމް، "ތިޔަބޭފުޅުންގެ ފުރުސަތު"ގެ ޕްރޮޑިއުސަރަކީވެސް އޭނާއެވެ.
އިބްރާހިމް މަނިކަކީ ދިވެހި ލަވަޔާއި މިއުޒިކުގެ ފަންނާނުން އުފެއްދެވުމަށާއި އަގު ވަޒަންކުރެއްވުމަށާއި އަގު ހިފެހެއްޓޭނެ ގޮތްތައް ހޯއްދެވުމުގެ މަގުސަދުގައި, ދިވެހި ލަވަ އުފެއްދެވުމުގެ މަސައްކަތް ފެއްޓެވި ބޭފުޅެކެވެ.
އެގޮތުން 1970ގެ ފަހުކޮޅު ދިވެހި ލަވަޔަށް އައިސްފައިވާ ހީނަރުކަން ފޫބެއްދެވުމަށް މިއުޒިކް ކުޅޭ ދެތިން ބޭފުޅަކާއި ލަވަ ހައްދަވާ ޓީޗަރަކާއި ލަވަ ކިޔާ ބޭފުޅުންކޮޅެއް ހޯއްދަވައިގެން, އެބޭފުޅުންގެ އެހީއާއެކު ރޭގަނޑު ލިބިވަޑައިގެންނެވި ހުސްވަގުތުގައި އޭރުގެ އެންމެ މަޝްހޫރު މިއުޒިކް ގުރޫޕް "ކްއިކް ސޭންޑް" ބޭންޑުގެ ބައެއް ތަކެތި, އެ ބޭންޑުން ރިސޯޓްތަކަށް މިއުޒިކް ކުޅެން ނުދާ ރޭތަކުގައި ގެންދަވައިގެން މިއުޒިކާއި ލަވައިގެ މަސައްކަތް ކުރެއްވިއެވެ. އެ މަސައްކަތް ކުރިއަށް ގެންދެވުމުގެ ގޮތުން އަމިއްލަ ޖީބުންވެސް އިބްރާހިމް މަނިކު ހަރަދުކުރެއްވިއެވެ.
އިބްރާހިމް މަނިކުގެ މި މަސައްކަތުގެ ސަބަބުން ދިވެހި ލަވަ ކިޔުމުގެ ފުރުސަތު ނުލިބިފައިވާ އެތައް ފަންނާނުންނަކަށް ލަވަ ކިޔުމުގެ ފުރުސަތު ހޯއްދަވައިދެއްވިއެވެ. އަދި ލަވަ ކިޔުމާ ދުރަށް ދިޔަ ލަވަ ކިޔުންތެރިންތަކެއް އެނބުރި ލަވަ ކިޔުމަށް ގެންދެވިއެވެ.
އޭގެ އިތުރުން ތަފާތު އެކި ދުވަސްވަރުގެ ގިނަ އަދަދެއްގެ މަޝްހޫރު ދިވެހި ލަވަކިޔުންތެރިން އެއް ސްޓޭޖެއްގެ މަތިން ފެނިގެންދިޔަ ޝޯތަކެއް ކަމުގައިވާ, "ގެލެކްސީ" ޝޯތަކާއި ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ކޮންމެ އަހަރަކު ދެކެމުން އަޑުއަހަމުން ގެންދިޔަ ދިވެހި ފަންނާނުންގެ މިއުޒިކީ އީދަކީވެސް އިބްރާހިމް މަނިކު އިސްނަންގަވައިގެން އޭނާގެ އަމިއްލަ ހިޔާލާއި ރޭއްވެވުމުގެ ދަށުން ބޭއްވެވި ޝޯތަކެކެވެ.
ދިވެހި ލަވަޔާއި މިއުޒިކު ކުރިއަރުވަން އިބްރާހިމް މަނިކު ކުރެއްވި ހިދުމަތް ބަލައިގަނެ, އޭނާއަށް 1996 ގައި ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު