އަމީނިއްޔާ ސްކޫލުގެ 78 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން އެ ސްކޫލުން ނިންމައިފިއެވެ.

އަހަރީ ދުވަސް ފާހަގަކުރުމަށް ފުރަތަމަ ހަރަކާތެއްގެ ގޮތުގައި މިއަދު ހެނދުނު 7:15 ގައި އެ ސްކޫލުގައި ވަނީ ހާއްސަ އެސެމްބްލީއެއް ބާއްވައިފައެވެ. އަމީނިއްޔާ ސްކޫލުގެ ކުރީގެ ދެ ޕްރިންސިޕަލަކުވެސް ބައިވެރިވެލެއްވި، އެ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.

އަހަރީ ދުވަހުގެ ހަރަކާތެއްގެ ގޮތުން އަމީނިއްޔާ ސްކޫލުގެ މުވައްޒަފުންގެ ފަރާތުން ވަނީ ތެލެސީމިއާ ސެންޓަރަށްވެސް އެހީވާން ނިންމައިފައެވެ. އެގޮތުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމަކާއި ހަދިޔާ ދިނުމުގެ ހަރަކާތެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖައްސައިފައެވެ.

އަމީނިއްޔާ ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރަން އެންމެ ބޮޑު ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދާނީ އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވާ ބޮޑު ހިނގާލުމެވެ. ހުކުރު ދުވަހުގެ ހެނދުނު 6:00 ގައި ފަށާ އެ ހިނގާލުމުގައި ސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިންނާއި ސްކޫލުގެ ކައުންސިލާއި ދަރިވަރުން ބައިވެރިވާނެއެވެ.

އެ ހިނގާލުމަކީ "ދުޅަހެޔޮ ހަށިހެޔޮ" ޝިއާރުގެ ދަށުން، އެކުވެރިކަން ދައްކުވައިދޭން އެއް ގަޑިއިރަށް ކުރިއަށްގެންދާ ހިނގާލުމެވެ.

އަމީނިއްޔާ ސްކޫލުގައި 2،300 ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރާ އިރު، އެ ސްކޫލުގައި 236 މުވައްޒަފުން މަސައްކަތް ކުރެއެވެ.