ދިވެހި ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރެއްވި އައްނަބީލާ ހަބީބާ ހުސައިން ހަބީބު އަވަހާރަވުމާއި ގުޅިގެން، އެއާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.

ހަބީބާ އަވަހާރަވީ ސިއްހީ ހާލު ގޯސްވެ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް އިއްޔެގެ ވަގުތެއްގައެވެ.

"ދިވެހި އަދަބިއްޔާތާ ތާރީހުގެ އިތުރުން އެތައް ދާއިރާއަކުން، 49 އަހަރަށްވުރެ ދިގު މުއްދަތެއްގަ ދިވެހި ދައުލަތަށް ހިދުމަތްކުރެއްވި ހަބީބާ ހުސައިން ހަބީބު (ނ.ދ.އ.ވ) އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން އާއިލާއަށް ވަރަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވަން" ރައީސް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ރަސްގެފާނު އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ކާފަ ދަރިކަނބަލުން އަދި ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ލިބިވަޑައިގެންފައިވާ ހަބީބާއަކީ ދައުލަތަށް 49 އަހަރަށް ވުރެ ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވި ބޭކަނބަލެކެވެ.

ލިޔުންތެރިކަމާއި އަދަބިއްޔާތަށް އަދި ތާރީހަށް ހަބީބާ ވަނީ މުހިންމު ހިދުމަތްތަކެއް ކުރައްވައިފައެވެ. އެކަމަނާ ވަނީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރުކަން ވެސް ކުރައްވައިފައެވެ.

ހަބީބާ ވަނީ ގައުމީ ކުތުބުހާނާގައި 29 އަހަރު މަސައްކަތް ކުރައްވައިފައެވެ. މީގެ އިތުރުން ތައުލީމީ ދާއިރާގައި ވެސް ހަބީބާ ވަނީ މަސައްކަތް ކުރައްވައިފައެވެ. ގައުމީ ކުތުބުހާނާގައި ހަބީބާ ފުރުއްވި މަގާމުތަކުގެ ތެރޭގައި ލައިބްރޭރިއަންގެ މަގާމާއި ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމާއި ޑިރެކްޓަރުކަމުގެ މަގާމާއި ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމާއި އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމާއި އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމު ހިމެނެއެވެ.

ސަރުކާރުގެ އިސްމަގާމުތަކެއް ފުރުއްވަމުން ހަބީބާ ވަނީ ދިވެހި އަދަބިއްޔާތަށާއި ތާރީހަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވައިފައެވެ. ތަފާތު ފަންނުގެ ފޮތްތަކާއި ލިޔުންތައް ލިޔުއްވައިފައެވެ. ލިޔުންތެރިކަމުގެ ތެރެއަށް ހަބީބާ ވަދެވަޑައިގެންނެވީ މީގެ 68 އަހަރުކުރިން 1954 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އެ އަހަރު ނުކުތް މުންނާރު ނޫހުންނެވެ. އޭގެ ފަހުން ހަބީބާ ވަނީ ވިޔަފާރި މިއަދު، އަދަބީ ޝުއޫރު، ޖިންސުއްލަތީފް، ހުވަނދު، މޫންލައިޓް، އަމާޒު، ހިޔަލަ އަދި ފަތްރޫތަ ފަދަ މަޖައްލާތަކަށް ލިޔުއްވައިފައެވެ. ހަބީބާ ލިޔުންތެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ ހައިދަރުއާބާދުގައި ކިޔަވާ ވިދާޅުވާން ހުންނެވި ދުވަސްވަރުގައެވެ.

ހަބީބާ ވަނީ އުރުދޫ ބަހުންނާއި އިނގިރޭސިބަހުން ލިޔެފައި ހުރި ގިނަ ފޮތްތަކެއް ދިވެހިބަހަށް ތަރުޖަމާ ކުރައްވައިފައެވެ. ހަބީބާ ތަރުޖަމާ ކުރައްވާފައިވާ ފޮތްތަކުގެ ތެރޭގައި އިސްލާމީ ތާރީޚު 1، އިސްލާމީ ތާރީޚު 2 އަދި ތަގްދީރުގެ ނިޔާ ފަދަ ފޮތްތައް ހިމެނެއެވެ. މީގެ އިތުރުން "ދިވެހި ތާރީޚަށް އަވަސް ކަޅިއެއް" މިނަމުގައި ދިވެހިބަހުން ތާރީހު ފޮތެއް އެކުލަވާލައްވާފައިވެއެވެ.

ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ދާއިރާއިން ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން އާންމު ހިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ހަބީބާ ހުސައިން ހަބީބަށް ވަނީ ލިބިވަޑައިގެންފައެވެ. ދިވެހިބަހަށް ތަރުޖަމާ ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1981 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ. މިނިވަން 25ގެ އިނާމުވެސް ލިބިވަޑައިގެންފައިވެއެވެ. މީގެއިތުރުން ނޫސްވެރިކަމުގެ ރަން ގަލަންވެސް ހަބީބާއަށް ވަނީ ލިބިވަޑައިގެންފައެވެ.