ކަލިނަރީ ދާއިރާގައި އަމިއްލަ ބްރޭންޑެއް އުފެއްދުމުގެ ގާބިލުކަން ދިވެހި ޝެފުންގެ ކިބައިގައި އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި "ޝެފްސް ގިލްޑް އޮފް މޯލްޑިވްސް - ޝެފް އެވޯޑްސް 2022" ޝަރަފުވެރި ކޮށްދެއްވައި ރައީސް ވިދާޅުވީ، ކަލިނަރީ ފަންނަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ފަންނެއް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއަށް ލިބިފައިވާ ހުރިހާ އެވޯޑެއްގެ އެންމެ މުހިންމު އެއް ހިއްސާދާރަކީ ރިޒޯޓުތަކުގައި ކެއްކުމާއި ކާބޯތަކެތި ތައްޔާރުކުރާ ޝެފުން ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަން މީގެ 50 އަހަރު ކުރިން ފެށި އިރު، ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ވިލާތުގެ ފަތުރުވެރިންނަށް ކެއިންބުއިމުގެ ހިދުމަތް ދިނުމުގައި ހުރި ދަތިތައް ކަމަށާއި ނަމަވެސް އޭގެ 50 އަަހަރު ފަހުން މިއަދު، ރާއްޖޭގައި ކެއްކުމުގެ ހުނަރު ވަކި ފަންނެއްގެ ގޮތުގައި ތަރައްގީވަމުން އަންނަ ކަމަށެވެ.
ނަމަވެސް ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެފައި އޮތް މިންވަރަށް ބަލައި އިރު، އެކަށީގެންވާ އަދަދަކަށް ޝެފުން ދިވެހިންގެ ތެރޭގައި ނެތް ކަމަށާއި ކަލިނަރީ ދާއިރާއަކީ ޒުވާނުން ކުރިމަތިލާން މުހިންމު ދާއިރާއެއް ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަކީ ބްރޭންޑެއްކަން ފާހަގަކުރައްވައި ރައިސް ވިދާޅުވީ، ދިވެހި ޝެފުން ކަލިނަރީ ދާއިރާއަށް ނުކުމެ، ދިވެހި ރަހަތައް، ވިލާތުގެ އަރުތަކަށް ހެޔޮވަރު ކޮށްދެވިއްޖެނަމަ ކަލިނަރީ ދާއިރާގެ މުޅިން އާ ބްރޭންޑެއް އުފަންވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި ދިވެހިންގެ ރަހަތަކާއި ވިލާތުގެ ރަހަތައް ގުޅުވައިގެން މުޅިން އާ ރަހަތަކެއް އުފަންކުރުމުގެ އީޖާދީ ވިސްނުން ދިވެހިންގެ ކިބައިގައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.
"އޭރުން ނަން ހިނގާނީ ހަމައެކަނި އިޓާލިއަން ޕިއްޒާއާއި ހައިދަރުއާބާދީ ބިރިޔާންޏެއް ނޫން. އޭރުން ޖަޕާނުގެ ސޫޝީއާއި ތުރުކީގެ ދޯނާ ކެބާބްއާ ވިދިގެން ކިޔާނެ ދިވެހި ނަމެއްވެސް އޮންނާނެ. މިއީ އަޅުގަނޑު ހިތުން ކުރަން ހަމަ ވަރަށް ރަނގަޅު ކަމަކަށްވާނެ،" ރައީސް ވިދަޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ކަލިނަރީގެ އަމިއްލަ ބްރޭންޑެއް އުފެއްދުމަށް ދިވެހި ޝެފުން އިސްނަގާނެ ދުވަހަކަށް އިންތިޒާރުކުރައްވާ ކަމަށާއި މާ ދުރުނޫން މުސްތަގުބަލެއްގައި އެކަން ހާސިލުވުމަކީ އުންމީދެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު