އެމްއީއެސް ހިންގި އިމާރާތް މަންދު ކޮލެޖް ހިންގުމަށްޓަކައި މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ދިން އެއްބަސްވުން ސަރުކާރުން ބާތިލުކޮށް ހައި ޕްރައިވެޓް ލިމިޓެޑުން އެ އިމާރާތް ގަދަކަމުން ސަރުކާރަށް ނެގި މައްސަލައިގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ދެކޮޅަށް ކުރި ދައުވާ ސިވިލްކޯޓުން ބޭރު ކޮށްލައިފިއެވެ.

އެމްއީއެސް އިންގި އިމާރާތް މާލޭ ހައި ޕްރައިވެޓަށް ދިން އެއްބަސްވުން ސަރުކާރުން ބާތިލުކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، މާލޭ ހައި ޕްރައިވެޓަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިޔަން ރުފިޔާ ދެއްކުމަށް ސިވިލްކޯޓުން ހުކުމް ކުރިއެވެ.

ސިވިލްކޯޓުން 19 އޭޕްރީލް 2021 ވަނަ ދުވަހު ކުރި ހުކުމުގައި ވަނީ، އެފައިސާ އެ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ދެއްކުމަށެވެ. އެ ހުކުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އެ ފައިސާ ދައްކާފައި ވަނީ 20 މެއި 2021 ގައެވެ.

މިފަދަ މައްސަލައެއްގައި ސީދާ މިނިސްޓަރެއްގެ މައްޗަށް ފުރަތަމަ ކުރި ދައުވާގެ ގޮތުގައި، މި މައްސަލައިގައި މާލޭ ހައި އިން އެޑިއުކޭޝަން މިނިސްޓަރުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ކޯޓުން ހުކުމް ކޮށްފައިވާ މުއްދަތުގައި ކޯޓަށް ފައިސާ ނުދައްކައި، ގާނޫނުއަސާސީން އެކަމަނާއާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި މިނިސްޓަރު ޑރ. އާއިޝަތު އަލީ އިހުމާލުވެވަޑައިގެންފައިވާ ކަމަށާއި، ޝަރީއަތުގެ އަމުރަކަށް އެކަމަނާ ކިޔަމަންވެ ވަޑައިގެންފައި ނުވާ ކަމަށްބުނެއެވެ.

ދައުވާ ކުރާ ފަރާތުން ބުނަނީ ހުކުމުގައިވާ އެއްމަސްދުވަހުގެ މުއްދަތު ހަމަވާނީ 18 މެއި އަށް ކަމަށެވެ. އެހެންކަމުން ހުކުމް ތަންފީޒު ކުރުމުގައި މިނިސްޓަރު އިހުމާލު ވެފައިވާ ކަމަށް ބުނެފައިވެއެވެ.

މި މައްސައިގައި މިނިސްޓަރު ޑރ. އައިޝަތު އަލީގެ ފަރާތުން އިޖުރާއީ ނުކުތާއެއް ނެންގެވިއެވެ. އޭގައި ބުނެފައިވަނީ ފައިސާ ދެއްކުމަށް ކޯޓުން ހުކުމް ކޮށްފައިވަނީ، ދައުލަތުގެ މައްޗަށެވެ. އެހެންކަމުން އެ އަމުރު ތަންފީޒު ކުރަންޖެހޭނީ ދައުލަތަށް ކަމަށްވެސް ވިދާޅުވިއެވެ. ހުކުމްގެ އެއްވެސް ތަނެއްއި އާއިޝަތު އަލީގެ މައްޗަށް ކުރަން އަންގާފައި އޮތް އެއްވެސް އިލްތިޒާމެއް ނެތް ކަމަށްވެސް ބުނެފައިވެއެެވެ.

އެހެންކަމުން އެ މައްސަލައިގައި ފަރުދީގޮތުން އަދާކުރަން ޖެހޭ ގާނޫނީ ވާޖިބެއް ނެތް ކަމަށާއި، އެކަމުގައި ޒިންމާ އޮތީ ދައުލުތަށް ކަމަށްވެސް ބުނެފައިވެއެވެ. އެއީ ފަރުދީގޮތުން އެކަމަނާގެ މައްޗް ކުރެވޭނެ ދައުވާއެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގެ ހުކުމުގައި ސިވިލްކޯޓުން ބުނެފައި ވަނީ، ގާނޫނު ބުނާގޮތުން އެކަމެއްގައި ދުވަސް ގުނަނިީ އެކަމެއް ހިނގާ ދެދުވަސް ނުހިމަނައި ކަމަށެވެ. އެހެންކަމުން އެ ހުކުމުގައި ބުނާ އެންމެ ފަހު ދުވަހަކީ 20 މެއި 2021 ކަމަށާއި، އެ ފައިސާ ދައްކަން ޖެހޭ އެންމެ ފަހު މުއްދަތަކީ 18 މެއި 2021 ކަމަށް މާލޭ ހައި އިން ބުނަނީ ރަނގަޅު އަސާސެއްގެ މައްޗަށް ނޫން ކަމަށްވެސް ބުނެފައިވެއެވެ. ކަންތައްތައް އެގޮތަށް ހުރުމުން މި ދައުވާ ބިނާކުރި އަސާސް ގޯސް ކަމަށްވުމުން މިއީ މާލޭ ހައި އަށް ހުށަހެޅިދާނެ ދައުވާއެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މި ދައުވާ ސިވިލް ކޯޓުގައި ބަލައި ކުރިއަށްގެންދެވޭނެ ތަނެއް ނެތްކަމަށް އެކޯޓުން އިއްޔެ ވަނި ހުކުމް ކޮށްފައެވެ.