ގާތްގަނޑަކަށް 30 ވަރަކަށް އަހަރުގެ މެދުކެނޑުމަކަށްފަހު މިމަހު 11 ވަނަ ދުވަހު މާލޭގެ މެދު ޒިޔާރަތުގައި އިހު ހުރި ގޮތަށް ދިދަ ނެގުމަށްފަހު ދިދަ ބޭލީ ވަކި ފަރާތަކުން ބުނެގެންނޫން ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު މިނިސްޓަރާ ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.
ވަހީދު މިނިސްޓަރާ ސުވާލު ކުރެއްވީ، މިމަހު 11 ވަނަ ދުވަހު މެދުޒިޔާރަތުގައި ދިދަ ނެގުމަށްފަހު، އެދުވަހު ހަވީރު ސަރުކާރުގެ ސްޓޭންޑް ބަދަލުވެ އެ ދިދަތައް ނެގީ ކިހިނެއް ކޮން ގޮތަކަށް ކޮން ބޭފުޅުންނެއް އަންގަވައިގެންތޯ، އެވެ.
ޖަވާބުގައި މިނިސްޓަރު ޔުމްނާ ވިދާޅުވީ، މެދު ޒިޔާރަތުގައި ދިދަ ނެގީ އެތަނުގެ އާބާތުރަ ފިލުވައި ޒީނަތްތެރިކުރުމަށް ކުރި މަސައްކަތްތަކެއްގެ ތެރެއިން ކަމަށެވެ. މެދުޒިޔާރަތުގައި ދިދަ ނަގަން ހަމަޖައްސާފައިވަނީ ވަކި ދުވަސްތަކަކާ ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ. މީގެ ކުރިންވެސް މެދުޒިޔާރަތުގައި ދިދަ ނެގުން އޮންނަނީ ހަމަ ވަކި މުނާސަބަތުތަކާ ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން އެ ދުވަހު ދިދަ ނެގީ ޖުމްޖޫރީ ދުވަހުގެ މުނާސަބަތުގައި ކަމަށާއި، ދިދަ ބޭލީ އެދުވަހަށް އިރުއޮއްސި ދުވަސް ނިމުމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިމަހު 11 ވަނަ ދުވަހު މެދުޒިޔާރަތުގައި ދިދަ ނެގުމާ ގުޅިގެން ސޯޝަލްމީޑިއާ މެދުވެރިކޮށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދިޔައެވެ. އެ ފަރާތްތަކުން ފާޑުކިޔާފައި ވަނީ އެއީ މުންކަރާތެއް ކަމަށާއި، އެ ކަމަކީ ނިމިގޮސްފައިވާ މުންކަރާތެއް އަލުން ފެށުން ކަމަށް ބުނެއެވެ.
މާލޭ މެދު ޒިޔާރަތަކީ މީލާދީން 1153 ވަނަ އަހަރު ރާއްޖެއަށް އިސްލާމް ދީން ގެނެސްދެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ ޒިޔާރަތެވެ. ބަރުބަރީގެ އިތުރުން 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަރަބިކަރައިގެ ބޭފުޅެއް ކަމަށްވާ ސައްޔިދު ވެސް މެދު ޒިޔާރަތުގައި ފަސްދާނުލާފައިވެ އެވެ.
މެދު ޒިޔާރަތަކީ ކުރިން ނަދުރު ބުނަމުން އައި ތަނެކެވެ. އެ ތަނަށް ނަދުރު ބުނުން ސަރުކާރުން މަނާކުރީ 1957ގަ އެވެ. މެދު ޒިޔާރަތް ބިނާ ކުރި ސީދާ ތާރީހު އެނގޭކަށް ނެތް ނަމަވެސް ކުރިން ފަނުން ހަދާފައި ހުރި އެ ޒިޔާރަތް މިހާރު އެ ހުރި ގޮތަށް ހެއްދެވީ ޝަމްސުއްދީނުގެ ރަސްކަމުގައި އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ.
ޚަބަރު
ޚަބަރު
ޚަބަރު