ހޮރައިޒަން ފިޝަރީސްއިން ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފިއެވެ.
ގިނަ ދުވަސްވަންދެން ފައިސާ ނުދީ ހުރި ބިލްތަކަށް ފައިސާ ދިނުމަށާއި މަސްވެރިންނަށް ވިއްކާ އައިސް އާއި ތެޔޮ ލިމިޓުކޮށްގެން ވިއްކުން ހުއްޓާލަން ގޮވާލައި ދެ އަތޮޅުގެ މަސްވެރިން އަންނަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މުޒާހަރާ ކުރަމުންނެވެ.
ހޮރައިޒަންގެ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ، މަސްވެރިންނަށް ފައިސާ ދޫކުރަން ފަށާފައިވާ ކަމަށާއި މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވަރަށް އަވަހަށް ދީ ނިންމާނެ ކަމަށެވެ. ބޭންކް މެދުވެރިކޮށް ފައިސާ ދޫކުރަމުންދާތީ މިހާތަނަށް ފައިސާ ދޫކުރި އަދަދު ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދު ވަނީ ބޭންކުން ފައިސާ ދޫކުރަން ފަށާފައި، މިހާރު ވެސް ޓްރާންސެކްޝަން ހިނގަމުންދަނީ، އެހެންވީމާ ނޭނގެ ސީދާ މިހާރު ކިހާ އަދަދެއް އަދި ކިތައް މަސްވެރިންނަށް ފައިސާ ދޫކުރެވިއްޖެ ކަމެއް،" އޭނާ ވިދާޅުވިއެވެ.
މުޒާހަރާގައި ބައިވެރިއަކު އިއްޔެ "ވަން" އަށް ބުނެފައިވަނީ މާންދޫން މަސްވެރިންނަށް 21 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށެވެ. ފައިސާ ނުދޭ ބިލްތަކުން ކެނޑޭ ގޮތަށް އައިސް އާއި ތެޔޮވެސް ދޫނުކުރާ ކަމަށެވެ.
މަސްވެރިންނަށް ފައިސާ ދޫކުރަން ފަށާފައިމިވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު