މިދިޔަ މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ދައުލަތަށް އިމްޕޯޓު އަދި އެކްސްޕޯޓުން ލިބުނު އާމްދަނީ 364 މިލިއަން ރުފިޔާއަށް އަރައެވެ. އެއީ މިދިޔަ އަހަރުގެ އެމުއްދަތުގައި ދައުލަތަށް އިމްޕޯޓު އަދި އެކްސްޕޯޓުން ލިބުނު އާމްދަނީއާ އަޅައި ބަލާއިރު 24 ޕަސެންޓުގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިއެފްގެ އަގު މިދިޔަ އަހަރުގެ އޮކްޓޯބަރަށްވުރެ 14 ޕަސެންޓް ވަނީ އިތުރުވެފައެވެ. މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 4.2 ބިލިއަން ރުފިޔާއަށް އަރައެވެ. ނަމަވެސް އެއީ މިއަހަރުގެ ސެޕްޓެމްބަރު މަހާ އަޅައި ބަލާއިރު ދަށް އަދަދެކެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އިމްޕޯޓުކޮށްފައި ވަނީ ކާބޯތަކެތީގެ ބާވަތްތަކާއި ތެލުގެ ބާވަތްތަކެވެ. މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ އިންޑިއާ، އޮމާން، ސިންގަޕޫރް، ޔޫއޭއީ އަދި ޗައިނާ އިންނެވެ.
އެގޮތުން އިންޑިއާއިން 681 މިިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު، އޮމާން އިން 513 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. އަދި ސިންގަޕޫރުން 510 މިލިއަން ރުފިޔާގެ މުދާ، ޔޫއޭއީއިން 490 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާ އިން 462 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
އެކްސްޕޯޓަށް ބަލާއިރު މިދިޔަ މަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 186 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަގަށް ބަލާ އިރު 15 ޕަސެންޓު ދަށް އަދަދެކެވެ.
މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައި ވަނީ ތައިލޭންޑް، ޖަރުމަންވިލާތް، މޮރިޝަސް އާއި އިނގިރޭސިވިލާތުގެ އިތުރުން ފްރާންސް އަށެވެ. ރާއްޖެއިން މުދާ ބޭރުކުރި ނިސްބަތަށް ބަލާއިރު އެންމެ ގިނަ މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑް އަށެވެ. އެއީ ބޭރުކުރި މުދަލުގެ 40 ޕަސެންޓެވެ. 78 މިލިއަން ރުފިޔާގެ މުދަލެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ގަނޑުކުރި ކަނޑުމަހެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް މުދާ ހިފައިގެން 103 އުޅަނދެއް އައިސްފައިވެއެވެ. އަދި 117 އުޅަނދެއް ފުރާފައިވެއެވެ. މިދިޔަ މަހު ކަސްޓަމްސް ރޯޔަލްޓީއަށް ލިބުނީ 8.7 މިލިއަން ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު