ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓުގެ ހިދުމަތް ރަސްމީކޮށް ތ. ވަންދޫގައި އިފުތިތާހުކޮށްފިއެވެ.

އެ ހިދުމަތް ރަސްމީކޮށް އިފުތިތާހު ކޮށްފައިވަނީ ވަންދޫގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާ އެއްކޮށެވެ. އެގޮތުން ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެދޭ ކަސްޓަމަރުންނަށް ފައިބާ ހިލޭ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓަރު ނުވަތަ އޯއެންޓީ ރައުޓަރެއްވެސް ހިލޭ ލިބޭނެއެެވެ.

އޭގެ އިތުރުން މި އޮފާ ކުރިއަށްދާ މުއްދަތުގައި ދިރާގު ޓީވީއަށް އެދޭ ވަންދޫގެ ކަސްޓަމަރުންނަށް އެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސް (ޑީކޯޑަރު) މުޅިން ހިލޭ ލިބޭނެއެވެ.

ދިރާގުން މިއަދު ބުނީ، މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖުތައް ހިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ވަންދޫގެ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭނެ ކަމަށް ބުންޏެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ 85 ޕަސެންޓަށް މިހާރު އެ ހިދުމަތް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި 100 ރަށެއް ހިމެނެއެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެ ކަމަށް ބުންޏެވެ.