ރާއްޖޭގެ އާބާދީގެ ކޮންމެ 15 މީހަކުން އެކަކީ ހަކުރު ބަލީގެ ވޭން ތަހައްމަލުކުރަމުންދާ މީހެއްކަމަށް އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
ޑރ. މުހައްމަދު އަލީ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާއި ގުޅިގެންނެވެ.
ޑރ. މުހައްމަދު އަލީ "ވަން" އަށް މިއަދު ވިދާޅުވީ 2020 ވަނަ އަހަރާއި ހަމަޔަށް ރާއްޖޭގައި ހަކުރު ބަލިޖެހިފައިވާ 27،000 މީހުން ތިބި ކަމަށެވެ. އޭގެ ތެރެއިން ގިނައީ ޓައިޕް 2 ޑައެބެޓީސް ހުންނަ މީހުން ކަމަށްވެސް ވިދާޅުވިއެވެ.
ހަކުރުބަލީގެ ތިން ވައްތަރެއް ހުރެއެވެ. އެއީ ޓައިޕް 1 ޑައެބެޓީސް އާއި ޓައިޕް 2 ޑައެބެޓީސް އަދި މާބަނޑުވުން ޖެހޭ (ޖެސްޓޭޝަނަލް ޑައެބެޓިސް)ހަކުރު ބައްޔެވެ.
ޓައިޕް 1 އާންމުކޮށް ޖެހެނީ ޅައުމުރުގައްޔާއި ޒުވާން އުމުރުގައެވެ. މި ވައްތަރުގައި ހަށިގަނޑަށް ބޭނުންވާވަރަށް އިންސިއުލިން އުފައްދައެއް ނުދެއެވެ. އާންމުކޮށް މި ވައްތަރުގެ ހަކުރު ބަލި ގިނައިން ޖެހެނީ އެމީހެއްގެ ބަރުދަން ހުންނަންވާވަރަށްވުރެ ލުއިކޮށް ހުންނަ މީހުންނަށެވެ. އެހެންކަމުން ހަކުރު ކޮންޓްރޯލް ކުރަން ޖެހޭނީ އިންސިއުލިން ޖަހައިގެންނެވެ.
ޓައިޕް 2 އާންމުކޮށް ޖެހެނީ އުމުރުން 40 އިން މަތިވުމުންނެވެ. އެހެން ނަމަވެސް ޒުވާނުންނަށްވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. މި ވައްތަރުގެ ހަކުރުބަލި އާންމުކޮށްޖެހެނީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުންނާއި ބަރުދަން އިތުރުވުމާއި، ފަލަވުމާއި، ހެލިފެލިވެ އުޅުން މަދުވުމާއި، އާއިލީ ވާރުތައަކުންނެވެ. މި ވައްތަރު ޖެހިއްޖެ ނަމަ ރަނގަޅު ޑައެޓަކާއެކު ބޭސް ބޭނުންކޮށް ހަކުރު ކޮންޓްރޯލް ކުރަންޖެހެއެވެ.
މާބަނޑުވުމުން ޖެހޭ ހަކުރުބަލި އާންމުކޮށް ވިހެއުމުން ރަނގަޅުވެއެވެ. މި ވައްތަރުގެ ހަކުރު ބަލި ޖެހިއްޖެ ނަމަ ވަރަށް ރަނގަޅު ޑައެޓެއް ގެންގުޅެންޖެހެއެވެ. ހާއްސަ ސަމާލުކަމެއް ދީގެން ބައެއް ފަހަރު އިންސުލިން އިން ކޮންޓްރޯލްކޮށް ނުވަތަ އެއިން ކޮންޓްރޯލް ނުވާ ނަމަ ބޭސްވެސް ބޭނުން ކުރަންޖެހެއެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ ރާއްޖޭގެ ކޮންމެ 14 މީހަކުން އެކަކަކީ 8 ގަޑިއިރާއި 12 ގަޑިއިރާއި ދެމެދު ނުކައި ހުރެ ހަދާ ހަކުރު ޓެސްޓު މަތި މީހެއް ކަމަށެވެ. މިއީ ރާއްޖޭގެ އާބާދީ އާއި ބަލައި ކަންބޮޑުވާން ޖެހޭ މިންވަރެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އިންޓަނޭޝަނަލް ޑައެބެޓިކްސް ފެޑެރޭޝަންގެ ތަފާސް ހިސާބު ދައްކާ ގޮތުން ނަމަ ރާއްޖޭގެ ކޮންމެ 15 މީހަކު އެކަކީ ހަކުރު ބަލި ހުންނަ މީހެއް. މިކަން އަޅުގަނޑުމެންނަށް ހައްލު ކުރެވޭނީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްގެން. ކެއުމުގައި ފައިދާހުރި ކާނާ ހިމަނައިގެން. ކަސްރަތުވެސް ކޮށްގެން ބޭހާ ނުލައި މިބަލިން ރަނގަޅުވެސް ވެދާނެ." އޭނާ ވިދާޅުވިއެވެ.
ދާދިފަހުން ހެލްތު މިނިސްޓްރީން ހެދި ސާވޭ އިން ދައްކާގޮތުން ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ގައިންގަޔަށް ނާރާ އެކަމަކު ފުރާނައަށް ނުރައްކާވާ ފަދަ ބަލިތައް ތަހައްމަލުކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި ހަކުރުބައްޔާއި ކޮލެސްޓްރޯލް މައްޗަށް ދިޔުމާއި ލޭ މައްޗަށް ދިޔުން ފަދަ ބަލިތައް ހިމެނެއެވެ.
ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ހެދި ސާވޭ އިން ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 14 ޕަސެންޓު މީހުންނަކީ ހަކުރު ބަލިޖެހިފައިވާ މީހުން ކަމަށެވެ. އަދި 2018 ވަނަ އަހަރު ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން ނެރުނު ރިޕޯޓެއްގައި ދައްކާގޮތުން ރާއްޖެއިން މަރުވާ މީހުންގެ ތެރެއިން 3.7 ޕަސެންޓު މީހުން މަރުވަނީ ހަކުރު ބަލީގެ ސަބަބުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު