ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކަށް ސުލޫކީ ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ހަސަން މަނިކާ ގުޅިގެން ޖޭއެސްސީން ތަހުގީގުކުރި މައްސަލައަކީ މަނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރިއަށް ގެންދިޔަ ހަޟާނަތާ ގުޅޭ ގަޒިއްޔާއެއްގައި ދައުވާކުރާ ފަރާތުގެ އެދުމަށް ނެރުނު ވަގުތީ އަމުރެއްގެ ދަށުން، ދައުވާ ލިބޭ ފަރާތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ދައުވާ ކުރާ ފަރާތުގެ ބެލުމުގެ ދަށަށް ގެންދެވި، ދައުވާ ކުރާ ފަރާތުން ދައުވާ ކުރި ބޭނުން ހާސިލުވެފައި ވަނިކޮށް، ކޯޓުގެ ހުއްދަ ހޯދުމަކާ ނުލައި ދައުވާ ކުރާ ފަރާތް ރަށުން ފުރައިގެން ގޮސްފައިވުމުގެ ސަބަބުން ދީފައިވާ އެޑްރެހަށް ޗިޓް ރައްދުކުރެވިފައި ނުވާތީ ކަމަށް ބުނެ، ހުށަހެޅި މައްސަލައެކެވެ.

ޖޭއެސްސީން މިއަދު ބުނީ، އެ ދައުވާ ލިބޭ ފަރާތުގެ ބަހެއް ހޯދުމެއް ނެތި އަދި ކޯޓުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނުކުމެފައިވާ ނަތީޖާތަކަށް ބެލުމެއްނެތި އަދި ހަވާލާ ދެވުނު ވަގުތީ އަމުރު ހައިކޯޓުން ބާތިލުކޮށްފައި ވިޔަސް އެކަމަށްވެސް ރިއާޔަތް ކުރުމެއް ނެތި، އެ ގަޒިއްޔާ އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް ބުނެ ހަސަން މަނިކު އެ ގަޒިއްޔާ ނިންމައި ހުކުމްކުރުމުގެ ސަބަބުން ޝަރުއީ ނިޒާމުގެ ތެރެއިން ނަހަމަ މަންފާ ދައުވާކުރާ ފަރާތަށް ލިބިފައިވާކަން ސާބިތުވާކަމަށެވެ.

އެހެންކަމުން ހަސަން މަނިކުގެ އެ އަމަލީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.7 އަދި 3.1 އާ ހިލާފަށް ކޮށްފައިވާ އަމަލަކަށްވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، އޭނާއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.