މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން "އާރޯ" ޕްރިމިއަމް ބްރޭންޑުގެ ފެން ބާޒާރަށް ނެރެން ފަށައިިފިއެވެ.

އެ ބްރޭންޑްގެ ފެން ތައާރަފުކުރީ އެކަމަށްޓަކައި ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއެވެ.

ބިއްލޫރި ފުޅީގައި ބަންދުކޮށްގެން ނެރޭ "އާރޯ" ބްރޭންޑްގެ ފެނަކީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ނެރޭ ފެނެކެވެ. އަދި މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ޕްރިމިއަމް ކޮލިޓީގައި އުފައްދައިގެން ބާޒާރަށް ނެރެން ފެށި ފެނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ހަލުވި ދުވެއްޔެއްގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާ އިރު، އެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ، މިފަދަ ދިވެހި އުފެއްދުންތައް ފަތުރުވެރިކަމުގެ ބާޒާރަށް ތައާރަފުކޮށް، އިޝްތިހާރު ކޮށްގެން ކަމަށެވެ.

އަދި ބޭރުގެ އުފެއްދުންތަކާއި އެއްހަމައެއްގައި ދިވެހި މިފަދަ އުފެއްދުންތައް ފައިތިލަ ސާބިތުކުރުމަކީ ފަތުރުވެރިކަމާއި އިގުތިސާދީ ދާއިރާއިން ދިވެހިންނަށް ލިބިދޭ މަންފާ އިތުރުކުރުމަށް އެޅިގެންދާ ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާ ގޮތައް ދިވެހި ހުނަރުވެރި ކުރެހުންތެރިންގެ ކުރެހުންތައް ހިމަނައިގެން ފަރުމާކޮށްފައިވާ "އާރޯ" ފެން ބާޒާރަށް ނެރެނީ އެއް ލީޓަރު އަދި 500 އެމްއެލްގެ ބިއްލޫރި ފުޅީގައި ބަންދުކޮށްގެންނެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، މި ފުޅި ތައާރަފު ވެގެން ދިއުމަކީ، ރާއްޖޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް އަދުގެ ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި އެކުންފުނީގެ ފަރާތުން އެޅި މުހިންމު ފިޔަވަޅެކެވެ.

އަދި ކުރިމަގުގައި "އާރޯ" ބްރޭންޑުގެ އިތުރު އުފެއްދުންތައްވެސް ބާޒާރައް ނެރެ ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކަމަަށް ބުންޏެވެ.