މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައިފި އެވެ.
ބީއެމްއެލްގެ ތިންވަނަ ކުއާޓަރުގެ މާލީ ނަތީޖާ ދައްކާގޮތުން މިއީ މިއަހަރު ބީއެމްއެލް އިން ހޯދި އެންމެ ބޮޑު އާމްދަނީ އެވެ. މި ހިސާބުތައް ދައްކާގޮތުން ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 367 މިލިއަން ރުފިޔާ ބޭންކަށް ވަނީ ލިބިފައެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 694 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅައިބަލާއިރު 17 ޕަސެންޓު އިތުރު އަދެދެކެވެ.
މިދިޔަ ކުއާޓަރުގައި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައިވާ އިރު، ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ކުރިއެރުން ހޯދައި ރަނގަޅު ލޯނު ޕޯޓްފޯލިއޯއެއް ދެމެހެއްޓިފައިވާ ކަމަށް ބޭންކުން ބުންޏެވެ. ނގަޅު ނަތީޖާއަކާއެކު މިއަހަރު ނިންމާލެވޭނެކަމަށް ބޭންކުން ލަފާކުރެ އެވެ.
ބީއެމްއެލް އަށް އަލަށް އައްޔަންކުރި ސީއީއޯ ކާލް ސްޓުމްކަ މި ނަތީޖާއާ ގުޅޭ ގޮތުން ވިދާޅުވީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއެކު، މި ކުއާޓަރުގައި ބޭންކަށް ހަރުދަނާ މާލީ ނަތީޖާއެއް ހާސިލުކުރެވިއްޖެ ކަމަށާއި މިއަހަރަކީވެސް ކާމިޔާބު އަހަރަކަށްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މުޖުތަމައަށް އެހީވުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ ކުއާޓަރުގައި ހއ. ފިއްލަދޫ އަދި ވަށަފަރުގައި އަލަށް ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ވަނީ ފައްޓާފައެވެ. ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ބޭންކުން ވަނީ މިދިޔަ ކުއާޓަރުގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައި އޮންކޮލޮޖީއަށް ހާއްސަ ވޯޑެއް ގާއިމު ކުރުމަށާއި، ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމުގެ އިތުރުން ސްޕޯޓްސް ސްކޮލާޝިޕް ޕްރޮގްރާމެއްވެސް އިއުލާންކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު