އުރީދޫ މޯލްޑިވްސްއަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ އިތުރުވި ނަމަވެސް, ކުންފުނީގެ ހަރަދު ބޮޑުވެ ފައިދާ ދަށްވެއްޖެއެވެ.

އުރީދޫގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 471 މިލިއަން ރުފިޔާ ލިބުނެވެ. އެއީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއާ އަޅާބަލައި އިރު, 1.2 ޕަސެންޓްގެ ކުރިއެރުމެކެވެ.

ނަމަވެސް ދެވަނަ ކުއާޓަރާ އަޅާބަލައި އިރު, ތިން ވަނަ ކުއާޓަރުގައި އުރީދޫގެ ހިންގުމުގެ ހަރަދު ހަތް ޕަސެންޓް އިތުރުވުމުން ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު އަދަދު ވަނީ 9.9 ޕަސެންޓް ދަށްވެފައެވެ.

އެގޮތުން ދެވަނަ ކުއާޓަރުގައި 294.9 މިލިއަން ހަރަދުކޮށްފައިވާ އިރު, ތިން ވަނަ ކުއާޓަރުގެ ހަރަދު ވަނީ 317.6 މިލިއަނަށް އަރައިފައެވެ. އެއާއެކު ދެވަނަ ކުއާޓަރުގައި 141 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު ނަމަވެސް, ތިން ވަނަ ކުއާޓަރުގެ ފައިދާ ވަނީ 14 މިލިއަން މަދުވެ, 127 މިލިއަނަށް ދަށްވެފައެވެ.

މި އަހަރުގެ މިހާތަނަށް ޖުމުލަ އާމްދަނީގެ ގޮތުގައި، އުރީދޫއަށް 1.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އޭގެ ތެރެއިން އެއް ބިލިއަން ރުފިޔާ ލިބިފައިވަނީ މޮބައިލް ހިދުމަތްތަކުގެ ބައިންނެވެ. އަދި ތިން ކުއާޓަރުގެ ޖުމުލަ ސާފު ފައިދާއަކީ 416.4 މިލިއަން ރުފިޔާއެވެ.