އިނގިރޭސިވިލާތުގެ އައު ރަސްގެފާނު ޗާލްސް ތިންވަނަ އަނެއްކާވެސް އޭނާގެ ކޮއްކޯފުޅު ޕްރިންސް އެންޑްރޫ އިތުރަށް އެކަހެރި ކުރައްވައި ނިކަމެތި ކުރައްވައިފިއެވެ.
މިފަހަރު ޕްރިންސް އެންޑްރޫ ބާކީ ކުރެއްވީ ބަކިންހަމް ޕެލަސްގައި ޝާހީ އެހެން އަމީރުންނާއި އަމީރާއިންނާއެކު ބޭއްވުނު ވަރަށް މުހިއްމު އިހުތިފާލަކުންނެވެ. މިއީ އެންމެފަހުގެ އޮލިމްޕިކްސްގައި އިނގިރޭސިވިލާތަށް މެޑަލް ހޯދައިދިން އެތުލީޓުންގެ ޝަރަފުގައި ރަސްގެފާނު ޗާލްސް އޭނާގެ އެއްބަނޑު ބޭފުޅުންނާއެކު މިހަފުތާގައި ބޭއްވެވި ހަފުލާއެކެވެ. ރާނީ އެލިޒަބަތުގެ ބޭފުޅުންގެ ތެރެއިން ޕްރިންސް އެޑްވަޑާއި ޕްރިންސެސް އޭން މި ހަފުލާއިން ފެނުނުއިރު ޕްރިންސް އެންޑްރޫއަށް ދައުވަތެެއްވެސް ނުދެވެއެވެ.
މިއީ ރާނީގެ ޖަނާޒާއަށްފަހު މިބޭފުޅުން އާއްމުންގެ ކުރިމަތީގައި އެއްތަނަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މި ހަފުލާއިން ދެން އިތުރަށް ފެނުނީ ޗާލްސްގެ އަނބިކަނބަލުން ކުއީން ކޮންސޯރޓް ކެމީލާއާއި ރާނީ އެލިޒަބަތުގެ ދެބެއިންގެދަރި ބޭފުޅެއް ކަމުގައިވާ ޑިއުކް އޮފް ގްލޮސްޓަރ އެވެ. މިތަނަށް ޕްރިންސް އެންޑްރޫ ނުގެންދިޔަ ސަބަބެއް ޝާހީ ގަނޑުވަރުން ހާމައެއް ނުކުރެއެވެ.
ބޮޑަށް ގަބޫލުކުރެވޭ ގޮތުން ޕްރިންސް އެންޑްރޫ ބާކީކުރެވުނީ ބަދުއަޚުލާގީ އަމަލުތަކެއް ހިންގެވި ކަމަށް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެންނެވެ. އެމެރިކާގެ މަހުޖަނެއްކަމަށްވާ ޖެއޮފްރީ އެޕްސްޓައިނުގެ ރިސޯޓެއްގައި ޕްރިންސް އެންޑްރޫ ހިންގެވިކަމަށް ބުނާ ކަންތައްތަކެއްގެ ވާހަކަ ތަންކޮޅެއް ކުރީގައި ނޫސްތަކަށްވެސް ވަނީ އަރައިފައެވެ. މި ތުހުމަތުތައް ޕްރިންސް އެންޑްރޫ ދޮގުކުރައްވައެވެ. އެހެންނަމަވެސް ރާނީ އެލިޒަބަތުގެ ޒަމާނުން ފެށިގެން ޕްރިންސް އެންޑްރޫ ހުންނަވަނީ ޝާހީ އެއްވުންތަކުން ބާކީކުރެވިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ