ފެން ބިލުގެ ޖޫރިމަނާ މާފުކޮށްދިނުމަށް ހުޅުވާލި މުއްދަތު އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީ ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ފަރާތުން ކަސްޓަމަރުންނަށް ފެން ބިލްތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން 2019 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ފެން ބިލް ޖޫރިމަނާ މާފުކޮށްދިނުމުގެ ޕްރޮގްރާމް އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ހަމަވާނެ ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން، ބިލަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުން ޖޫރިމަނާގެ ބައި މާފުވެގެންދާނެކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ. ބިލަށް އެއް ފަހަރާ ފައިސާ ދެއްކުމަށް ދަތިވާނަމަ ދައްކަން ޖެހޭ ފައިސާގެ އިންސައްތައިގެ ނިސްބަތުން ޖޫރިމަނާ މާފުވެގެންދާނެކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ. ކަސްޓަމަރުން ބޭނުންވާނަމަ ޕްރޮގްރާމްގެ މުއްދަތުގެ ތެރޭގައި އިންސްޓޯލްމެންޓް އުސޫލުން ފައިސާ ދެއްކެން ވެސް ހުންނާނެކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެހެންކަމުން ޑިސެމްބަރު މަހުގެ 31ގެ ކުރިން ފެން ބިލަށް ފައިސާ ދެއްކުމަށް އެމްޑަބްލިޔުއެސްސީން ވަނީ އެދިފައެވެ.

ފެން ބިލުގެ ޖޫރިމަނާ މާފުކޮށްދޭ ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން 105 އަށް ގުޅުމުން މައުލޫމާތު ލިބެން ހުންނާނެކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުންފުނިން ފޯރުކޮށްދެމުން އަންނަ ފެނާއި ނަރުދަމާގެ ހިދުމަތްތައް ވީހާވެސް ލުއިފަސޭހާ ގޮތެއްގައި ކަސްޓަމަރުންނަށް ފޯރުކޮށް ދިނުން ކަމަށެވެ.