ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނެސް ކުއްޔަށް އުޅޭ މީހުން ކަރަންޓާއި ފެނަށް ޒިންމާ ކުރުވޭ ގޮތް ހަދައިފިއެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު އެގޮތަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނެސްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ އަލަށް ގެނައި އެ އިސްލާހު ތަސްދީގުކުރައްވައިފައެވެ.
ރައީސް އޮފީހުން މިއަދު ވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ގެނައި އިސްލާހު ގެޒެޓުކޮށްފައެވެ. އެ އިސްލާހުގައިވާ ގޮތުން އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ ތެރެއިން މީޓަރު މެދުވެރިކޮށް ދޭ ހިދުމަތްތަކުގައި މީޓަރު ރަޖިސްޓްރީކޮށްފައި ހުންނަން ވާނީ އިމާރާތުގެ ވެރިފަރާތުގެ ނަމުގައެވެ. އަދި އެ ހިދުމަތް ބޭނުން ކުރަނީ މީޓަރު ރަޖިސްޓްރީކޮށްދެވިފައިވާ ފަރާތް ނޫން ފަރާތެއް ކަމުގައިވާނަމަ، އެ ހިދުމަތް ބޭނުންކުރާ ފަރާތެއްގެ ނަމުގައި އެ ހިދުމަތެއް، ހިދުމަތް ފޯރުކޮށްދޭ ފަރާތުގައި ރަޖިސްޓްރީ ކުރެވިދާނެއެވެ.
އެގޮތަށް ހިދުމަތް އެހެން މީހެއްގެ ނަމަށް ބަދަލުކުރާނެ ގޮތުގެ ގަވާއިދެއް މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ހަދަންވާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.
އެ ގަވާއިދުގައި ބިލު ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ ކަނޑައެޅުމުގެ އުސޫލުތަކާއި ބިލު ނުދެއްކުމުގެ ސަބަބުން ހިދުމަތް މެދުކަނޑާލަންޖެހޭ ހާލަތްތަކަކީ ކޮބައިކަން ކަނޑައެޅުމާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ހާލަތުތަކުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައަޅަން ޖެހޭނެއެވެ.
އިސްލާހުގައިވާ ގޮތުން އާންމު ބޭނުންތަކުގެ ހިދުމަތް އެއްވެސް ފަރާތަކުން ރަޖިސްޓްރީކޮށްފިނަމަ، އެ ހިދުމަތް ރަޖިސްޓްރީކުރި މުއްދަތަކަށް އެ ހިދުމަތަކަށް ހިނގާ ހަރަދުގެ ޒިންމާ އުފުލާނީ އެ ހިދުމަތް ރަޖިސްޓްރީކޮށްދެވިފައިވާ ފަރާތަކުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު