މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ހިންގުމުގެ ފައިދާގެ ގޮތުގައި 694 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލުން މިއަދު ބުނީ މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 367 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 694 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އެއީ ދެވަނަ ކުއާޓާއާ އަޅައި ބަލާއިރު 17 ޕަސެންޓް އިތުރު އަދެދެއް ކަމަށެވެ.
ބީއެމްއެލުން ބުނީ މި ނަތީޖާ ހާސިލް ކުރެވިފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއި ރަނގަޅު ލޯނު ޕޯޓްފޯލިއޯ ދެމެހެއްޓިގެން ކަމަށެވެ. އަދި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައިވާ އިރު، ރަނގަޅު ނަތީޖާއަކާ އެކު މިއަހަރު ނިންމާލެވޭނެ ކަމަށް ބޭންކުން ލަފާކުރެއެވެ.
މި ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ އިންޗާޖު އަދި އެކްޓިން މެނޭޖިން ޑިރެކްޓަރު، އާއިޝަތު ނޫރައްދީން ވިދާޅުވީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާ އެކު، މި ކުއާޓަރުގައި ވަނީ ހަރުދަނާ މާލީ ނަތީޖާއެއް ހާސިލްކުރެވިފައި ކަމަށެވެ.
"ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ދިވެހި ރައްޔިތުންނަށް އެހީވުމާއި ދިވެހިން ހިޔާރުކުރާ ބޭންކުގެ ގޮތުގައި ދެމިއޮތުމަށް އަލުގަނޑުމެން ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާނަން. އަޅުގަނޑުމެން އުންމީދު ކުރަނީ މިއަހަރަކީވެސް ކާމިޔާބު އަހަރަކަށްވުން. އަދި މި ފުރުސަތުގައި ކަސްޓަމަރުން ދެއްވާ އެއްބާރުލުމާއި ބޯޑު ޑައިރެކްޓަރުން ދެއްވާ އިރުޝާދާއި އެހާމެ ބުރަކޮށް މަސައްކަތް ކުރަމުންދާ އަޅުގަނޑުމެންގެ ޓީމަށް ޝުކުރު އަދާކުރަން،" ނޫރައްދީން ވިދާޅުވިއެވެ.
މުޖުތަމައަށް އެހީވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދިޔަ ކުއާޓަރުގައި ވަނީ ހއ. ފިއްލަދޫ އަދި ވަށަފަރުގައި އަލަށް ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފައްޓައިފައެވެ.
މީގެ އިތުރުން ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ބޭންކުންވަނީ މިދިޔަ ކުއާޓަރުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އޮންކޮލޮޖީއަށް ހާއްސަ ވޯޑެއް ގާއިމް ކުރުމަށާއި ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމުގެ އިތުރުން ސްޕޯޓްސް ސްކޮލާޝިޕް ޕްރޮގްރާމް އިއުލާންކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު