ޗާގޮސް މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ސަރުކާރުން ބަދަލުކުރީ މަޝްވަރާ ނުކޮށް ކަމަށް، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.
އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި އޮތް ޗާގޮސް މޮރިޝަސްއަށް ދޫކޮށްލަންޖެހޭ ކަމަށް ބުނެ, އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މޮރިޝަސްއާ އެއްކޮޅަށް 2019 ވަނަ އަހަރު ނެރެފައިވާ ލަފާ ބަލައިގަންނަން އދ.ގެ އާންމު މަޖިލީހުން ފާސްކުރި އިރުވެސް ރާއްޖެއިން ވޯޓު ދިނީ އެ ރަށްތައް އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި ބޭއްވުމަށެވެ. ނަމަވެސް 116 ގައުމެއްގެ ތާއީދާއެކު އެ ގަރާރު ފާސްވީ މޮރިޝަސްއާ އެއްކޮޅަށެވެ.
ނަމަވެސް މޮރިޝަސް މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވެ, ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ރާއްޖެއިން އދ.ގައި ވޯޓު ދޭން ވަނީ އެއްބަސްވެފައެވެ. އެއީ ރާއްޖޭގެ އިމުން ބައެއް މޮރިޝަސްއަށް ދޭން ނިންމީ ކަމަށް ބުނެ އެކަމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ސަރުކާރުގެ އެ ނިންމުމާ ގުޅިގެން އެމްއާރްއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރަން ނިންމުމުގެ ކުރިން ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ ހައިސިއްޔަތުން އެ ޕާޓީއާ އެއްވެސް މައުލޫމާތެއް ސަރުކާރުން ހިއްސާ ނުކުރާ ކަމަށެވެ.
އަދި އިޓްލޮސްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ރާއްޖޭގެ އިގުތިސޯދީ ސަރަހައްދާ ގުޅުން ހުރި މައްސަލައެއް ކަމުން ސަރުކާރުގެ ނިންމުމުގެ ސަބަބުން އިގުތިސޯދީ ގޮތުން ދިވެހިންނަށް އެންމެ ބޮޑު ފައިދާއެއް ލިބޭ މަސްވެރިކަމުގެ ދާއިރާއަށް އެކަމުގެ ސަބަބުން އަސަރުކުރާނެ ކަމަށް ބުންޏެވެ.
އެމްއާރުއެމުން ބުނީ، ސަރުކާރުން ސިޔާސަތު ބަދަލުކުރި އިރު، ރައްޔިތުން މަޖިލީހަށް އެ މައްސަލަ ހުށަހަޅާފައިނުވާތީ ކަންބޮޑުވާ ކަމަށެވެ. އަދި އެ މައްސަލާގައި އިޓްލޮސްގައި ވަކާލާތުކުރުމަށް ރާއްޖޭގައި ގާބިލު ދިވެހިން ތިބި އިރު، އެ ފަރާތްތަކާވެސް ސަރުކާރުން މަޝްވަރާނުކުރާ ކަމަށް ބުންޏެވެ.
"މިކަމުގެ ސައްހަ މައުލޫމާތު ވީއެންމެ އަވަހަކަށް ރައްޔިތުންނާ ހިއްސާ ކޮށްދެއްވުމަށް ސަރުކާރަށް މި ޕާޓީން ގޮވާލަމެވެ. އަދި ރާއްޖޭގެ ސިޔާދަތީ ހައްގަކަށް އުނިކަމެއް ލިބިދާނެ އެއްވެސް ނިންމުމަކަށް އެމްއާރްއެމުން ތާއިދެއް ނުކުރާނެއެވެ. އަދި އެފަދަ ނިންމުމެއް ސަރުކާރުން ނިންމާފައިވާނަމަ އެ ނިންމުން ބަދަލުކުރުމަށްވެސް އެމްއާރްއެމުން ގޮވާލަމެވެ،" އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.
އެމްއާރުއެމުން ބުނީ، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރިކޮށް، ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް ދިވެހިންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުމަކީ އެ ޕާޓީގެ މަގުސަދެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު