ޗާގޯސް އައިލެންޑްސްގެ މިލްކުވެރިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުން މިހާރު ގެންގުޅޭ ސްޓޭންޑް ރަނގަޅު ނޫން ކަމަށާއި ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތް ކޮށްފައި ނުވާ ކަމަށް ވިދާޅުވެ ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ދިޔާނާ ސައީދާއި އައިޝަތު އާޒިމާ ޝަކޫރު މިއަދު ބަޔާނެއް ނެރެފިއެވެ.

އާޒިމާ އާއި ދިޔާނާ ގުޅިގެން ނެރެފައިވާ ބަޔާނުގައި ވަނީ މި މައްސަލައިގައި ރާއްޖެއިން ހުށަހެޅި ބޭސް ޕޮއިންޓްސް އިން ޗާގޯސް އައިލެންޑްގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ކަމަށް ބުނާ ސަރަހައްދު ދަމާލުމުން ރާއްޖެއިން ކްލެއިމް ކުރާ ސަރަހައްދާ ދެމެދު ފުށުއަރާ ބައި ބެހުމަށް ރާއްޖެއިން ހުށަހަޅާފައިވާ ގޮތާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވެފައެވެ.

"އެގޮތުން ރާއްޖެއިން އެ ސަރަހައްދު ބައިކުރުމަށް ހުށަހަޅައި އެއްބަސް ވަނީ މިހާތަނަށް ދައުލަތުން އެކަމަށް އިއުތިރާޒު ކުރަމުން އައިސްފައިވާ 'އެކުއިސްޓަންސް' ގެ އުސޫލުން ހަމަހަމައަށް ކަން ރާއްޖެއިން ޓްރައިބިއުނަލަށް ހުށަހެޅި 'ކައުންޓާ-މެމޯރިއަލް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް' ގެ ވޮލިއުމް 1 ގެ 116 ވަނަ ނުކުތާ އާއި 151 ވަނަ ނުކުތާ އިން ސާފުވޭ. އަދި ރާއްޖެއިން އޭގެ ފަހުން ހުށަހެޅި 'ރޮޒޮއިންޑާ އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް' ގެ ވޮލިއުމް 1 ގެ 80 ވަނަ ނުކުތާ އިން އެސްޓޭންޑް ދަމަހައްޓާފައިވާކަން ސާފުވޭ،" ބަޔާނުގައިވެއެވެ.

ފުށުއަރާ ސަރަހައްދު ބައިކުރުމަށް މިހާރު ބޭނުން ކުރާ މެތޮޑޮލޮޖީއަކީ ތިން މަރުހަލާއެއްގެ މައްޗަށް އެކުލެވޭ މެތޮޑޮލޮޖީއެއް ކަމަށާއި އެގޮތުން ފުރަތަމަ މަރުހަލާއަކީ ފުށުއަރާ ސަރަހައްދުގެ މެދުން ހަމަހަމައަށް ވަގުތީ ރޮނގެއް ދެމުން ކަމަށެވެ. އަދި ދެވަނަ މަރުހަލާއަކީ ކަމާބެހޭ ހާލަތްތަކަށް ރިޔާއަތްކޮށް އެވަގުތީ ރޮނގަށް ގެންނަން ޖެހޭ ބަދަލު އޮތްތޯ ބެލުން ކަމަށާއި ތިންވަނަ މަރުހަލާއަކީ އެ ދަމާލެވޭ ރޮނގުން ކަނޑައެޅޭ ވަކި ހަމަތަކެއްގެ މައްޗަށް ބިނާކޮށް ބަލާއިރު ބޭއިންސާފު ނަތީޖާއެއް ނުކުމޭތޯ ބެލުން ކަމަށްވެސް ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ ބައިކުރުމުގެ ފުރަތަމަ މަރުހަލާގައި ފުށުއަރާ ސަރަހައްދުގެ މެދުން ދަމާލެވޭ ވަގުތީ ރޮނގު ބޭރަށް ޖައްސައި ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދަށް ލިބެން ޖެހޭ ކަމަށް ފެށުނީއްސުރެ ދިވެހި ދައުލަތުން ދެކޭ 200 ނޯޓިކަަލް މޭލުގެ ސަރަހައްދު ހޯދުމަށް ދެވަނަ މަރުހަލާ އާއި ތިންވަނަ މަރުހަލާގައިވެސް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.

"އެގޮތުން ފުށުއަރާ ސަރަހައްދުގެ މެދުން ހަމަހަމައަށް ބައިކޮށް ދަމާލައި ވަގުތީ ރޮނގު ބޮޑުކުރަން ޖަސްޓިފައިވާ ހާލަތްތައް ހުރި ނަމަވެސް އެ ހާލަތްތައް ސަރުކާރުގެ ހުށަހެޅުންތަކުގައި ބަޔާންކޮށް އެ މަގުން މަސައްކަތް ކޮށްފައި ނެތުމުން އެކަމުގެ ގާނޫނީ ނަތީޖާއަކީ ސަރުކާރުން މޮރިޝަސްއަށް ދޫދީ ދީއްލާލުމަށް ވެގެން ދިއުން ކަމުގައި ފެނޭ. އަދި އެހެންކަމުން މިއީ ރާއްޖެއަށް ލިބުމުގެ ފުރުސަތު އޮތް ސަރަހައްދެއް ގެއްލުމުގެ ސަބަބެއް ކަަމަށް ފެންނާތީ މިކަމުގައި އަޅުގަަނޑުމެންގެ ކަންބޮޑުވުން އިންތިހާއަށް އޮތ ކަން ފާހަގަ ކުރަން،" ބާޔާނުގައިވެއެވެ.

ބަޔާނުގައި ވަނީ ކޯޓުގައި އޮތް މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް ރާއްޖޭން ދަމަހައްޓަމުން އައި ސްޓޭންޑަށް ބަދަލެއް ގެނެސް މޮރިޝަސްގެ ސިޔާދަތީ ބާރު ޗާގޯސްގެ މައްޗަށް އޮތް ކަމަށް ގަބޫލު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރުން ނަގާފައިވާ ސްޓޭންޑަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތަށް ބެލުމަށްފަހު ނަގާފައިވާ ސްޓޭންޑެއްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އެ ދެބޭފުޅުން ވަނީ ގޮވާލައްވައިފައެވެ.

"ސަރުކާރުން ނަންގަވާފައިވާ ސްޓޭންޑަކީ ދައުލަތުގެ އެންމެ މަތީ މަސްލަހަތުތަކަށް ފަހިވާ ޕޮޒިޝަނަކަށް ނުވާ ނަމަ، ސަރުކާރުގެ ސްޓޭންޑް ބަދަލު ކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ވެސް ކުރުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން،" ބަޔާނުގައިވެއެވެ.