ފުރަތަމަ ފަހަރަށް އަތޮޅުތެރޭގައި ލެޕަރޮސްކޯޕިކް ސާޖަރީތައް ފެށުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަށައިފިއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާ ގުޅިގެން ކުޅުދުއްފުށީ ސިޓީގައި ފަށާ ލެޕަރޮސްކޯޕިކް ސާޖަރީތަކާ ގުޅޭގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނީ އެ ސާޖަރީތައް އަންނަ މަހުގެ ހަވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަމަށް ބޭނުންވާ މެޝިނަރީތައް މިހާރު އެ ސިޓީއަށް ގެނެވި، މިހާރު ކުރިއަށްދަނީ އިންސްޓޮލޭޝަންގެ މަސައްކަތްތައް ކަމަށެވެ.

ޕްލާސްޓިކް ސާޖަރީގެ ދާއިރާގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ކަމުގައިވާ ޑރ. މުހައްމަދު ވަހީދާއި ލެޕަރޮސްކޯޕިކް ސާޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު، ޖެނެރަލް ސާޖަން ޑރ. އަބްދުﷲ އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދަވާ އެ ސާޖަރީތަކަށް އަންނަ މަހުގެ 6 އިން 9 އަށް، އެ ދެ ޑޮކްޓަރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ލެޕަރޮސްކޯޕިކް ސާޖަރީ އަކީ ބަނޑުގައި ކުޑަ ލޯވަޅެއް ނުވަތަ ލޯވަޅުތަކެއް އަޅައިގެން ކެމެރާގެ ޒަރީއާއިން ބަލައިގެން، ކުދި އޮޕަރޭޝަން ޓޫލްސް ބޭނުންކޮށްގެން ކުރެވޭ ހަށިގަނޑަށް ލުއި އޮޕަރޭޝަންތަކެކެވެ. ކީހޯލް ސާޖަރީގެ ނަމުންވެސް ނަން ދެވިފައިވާ އެ އޮޕަރޭޝަންތަކަށްފަހު ބަލިމީހާ ހޮސްޕިޓަލުގައި މަޑުކުރަންޖެހޭ ދުވަސްތަކުގެ އަދަދު އަދި ފާރުތައް ފަސޭހަވުމަށް ނަގާ މުއްދަތު، އާންމު އޮޕަރޭޝަންތަކާ ބަލާއިރު ބޮޑުތަނުން ކުޑަކަން ފާހަގަކުރެވޭ ކަމަށާއި އެގޮތުން އެފަދަ އޮޕަރޭޝަންތަކަށްފަހު ދުވަހުން ދުވަހަށްވެސް ބަލިމީހާ ހޮސްޕިޓަލުން ޑިސްޗާޖްކުރެވޭ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ލެޕަރޮސްކޯޕިކް ސާޖަރީތައް އާންމު ގޮތެއްގައި ހަދަނީ އަންހެނުން ދަރިމައިވުމުގެ ނިޒާމު، ގޭސް އަދި ކުޑަކަމުދާ ނިޒާމަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށެވެ. އެ ސާޖަރީތަކަކީ ވީހާވެސް ކުޑަކޮށް ހަށިގަނޑު ކަފައިގެން ހަދާ ސާރޖަރީތަކެއް ކަމުން، ބަލިމީހާ ހޮސްޕިޓަލުގައި ހޭދަކުރާ ވަގުތު މަދުވެ، ތަހައްމަލު ކުރަން ޖެހޭ ވޭން ކުޑަވެ އަދި ހަށިގަނޑު ކެފުމުގެ ސަބަބުން ލާ ލަކުނު މަދު ވެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރީޖަނަލް ހޮސްޕިޓަލުތައް ބާރުވެރިކޮށް، ސިއްހީ ނިޒާމު ފައްކާކޮށް، ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު ވައުދަކަށްވާ އިރު، ލެޕަރޮސްކޯޕިން ސާޖަރީތައް ފެށިގެން ދިއުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށާއި އަދި ރާއްޖޭގެ މައި ހޮސްޕިޓަލަށް ކުރާ ބާރު ކުޑަވެ، ރައްޔިތުންގެ ތަކުލީފު ކުޑަވެ، އެފަދަ ހިދުމަތްތައް ހޯދުމަށް އާންމު ރައްޔިތުން ކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށެވެ.

ފާއިތުވި ހަތަރު އަހަރެއްހާ ދުވުހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބޮޑެތި ކުރިއެންތަކެއް ހޯދާފައިވާ ކަމަށާއި އެގޮތުން ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު ބޮޑުތަނުން އިތުރުކުރެވި، އެމްއާރުއައި އަދި ތެރަޕިއުޓިކް ފަދަ ރައްޔިތުން ނުހަނު ބޭނުންވެފައިވާ ހިދުމަތްތައް ފެށި، ސިއްހީ ހިދުމަތް ހޯދުމަށް މާލެ އަންނަން ޖެހޭ ޖެހުން ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.