އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ ހުސްވި ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އަވަހާރަވުމާއެކު އެކަމަނާގެ ދޮށީ ދަރިކަލުން ޗާލްސްއަށް އޮޓޮމެޓިކުން ރަސްކަމުގެ ތަޚުތު ވަނީ ވާރުތަވެފައެވެ. އެހެންނަމަވެސް އުމުރުފުޅުން 73 އަހަރުވީ ޗާލްސްގެ އިސްތަަށިފުޅުގައި ރަސްކަމުގެ ތާޖު ބެހެއްޓުމުގެ ރަސްމިއްޔާތު އަދި ނުބާއްވައެވެ. އެ ރަސްމިއްޔާތު ބާއްވާނީ ކުރިއަށްއޮތް އަހަރުގެ މެއިމަހުގެ 6 ވަނަ ދުވަހުއެވެ.
މި ތާރީޚަކީ ރަސްގެފާނު ޗާލްސް އިޚުތިޔާރު ކުރެއްވި ތާރީޚެކެވެ. ކުރިން ހީކުރެވިފައި އޮތީ މި ތާރީޚު އިޚުތިޔާރު ކުރެއްވި ސަބަބަކީ ޗާލްސްގެ ކާފަދަރިކަލުން ޕްރިންސް އާރޗީގެ އުފަންދުވަސް ޝަރަފުވެރި ކުރެއްވުމަށް ކަމުގައެވެ. އާރޗީއަކީ ޕްރިންސް ހެރީގެ ދޮށީ ދަރިކަލުންނެވެ. އިނގިރޭސި ނޫސްތަކުން މިހާރު ބުނާގޮތުގައި ހަގީގަތަކީ އެޔެއް ނޫނެވެ. މި ތާރީޚު އިޚުތިޔާރު ކުރެއްވީ ޗާލްސްގެ އަނބިކަނބަލުން ކެމީލާއަށް އުފަލާއި ޝަރަފު ދެއްވުމުގެ ނިޔަތުގައެވެ. މެއި ހަވަނަ ދުވަހަކީ ކެމީލާގެ ދަރިކަނބަލުން ލައުރާގެ ކައިވެނީގެ އެނިވަރސަރީ ދުވަހެވެ.
މި ތާރީޚަކީ ދޮންދަރީގެ ކައިވެނީގެ އެނިވަރސަރީއާ ދިމާކޮށް ކެމީލާ އުފާކުރުވުމުގެ ގޮތުން ރަސްގެފާނު ޗާލްސް އިޚުތިޔާރު ކުރެއްވި ދުވަހެއް ކަމުގައިވިޔަސް މިދުވަހަކީ ސުންޕާކަން ބޮޑު ދުވަހެއް ކަމަށްވާތީ ޗާލްސްގެ ކޮރޮނޭޝަނުގެ ތާރީޚު ބަދަލުކުރަން ޖެހިފައިވާ ކަމަށް ރާހިބަލާ މަޝްހޫރު މީހުން ދަނީ ބުނަމުންނެވެ. ޖެސިކާ އެޑަމްސްއޭ ކިޔުނު ރާހިބަލާ ނުޖޫމީއަކު ބުނާގޮތުގައި މެއި ހަވަނަ ދުވަހަކީ ޢުޠާރިދު ތަރި ނުބައިވެގެންވާ ކަމަކަށް އިޝާރާތްކުރާ ދުވަހެކެވެ. ޢުޠާރިދަކީ މާރކިއުރީ ޕްލަނެޓެވެ.
މިހާރު ހަމަޖެހިފައިވާ ގޮތަށް މެއި ހަވަނަ ދުވަހު ޗާލްސްގެ ކޮރޮނޭޝަން ބާއްވައިފިނަމަ ޝާހީ އާއިލާއަށާއި ޗާލްސްއަށް ސުންޕާ ކަންތައްތަކެއް ކުރިމަތިވުމުގެ ބިރު އޮތުމުން ކޮރޮނޭޝަން އަވަސްކުރުމަށް ނުވަތަ ލަސްކުރުމަށް ރާހިބަލާ މީހުން ވަނީ ޗާލްސްއަށް ދަންނަވައިފައެވެ. އެކަމަކު ވަކި ގޮތެއް ޗާލްސް ނުނިންމަވާ ކަމަށްވެއެވެ. ރާހިބަލާ މީހުން ބުނާ އެއްޗަކަށް ދީލައިލުމަކީ މިޒަމާނަށް ނުފެތޭ ބޯދާ ކަމެއްކަމަށް ޗާލްސް ގަބޫލުކުރައްވަނީ ކަމަށްވެސް ވެދާނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ