އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރަކީ ރިޝީ ސުނާކެވެ. އުމުރުފުޅުން 42 އަހަރުވީ ސުނާކް ވަނީ އިއްޔެ މަގާމާ ހަވާލުވެވަޑައިގެންފައެވެ. އައު ރަސްގެފާނު ޗާލްސް ތިންވަނައިގެ ރަސްކަމުގެ ފުރަތަމަ ދެމަހުގެ ތެރޭގައި ބޮޑުވަޒީރުކަން ދެއްވަން އޭނާއަށް ޖެހިވަޑައިގެންނެވި ފުރަތަމަ ބޮޑުވަޒީރު މިވީ ހިންދޫއަކަށެވެ. އިންޑިޔާ ނަސްލުގެ ބޭފުޅަކަށެވެ. ދޮން ނަސްލަށް ނިސްބަތްވެވަޑައި ނުގަންނަވާ އަދި ނަސާރާއަކަށްނުވާ އިނގިރޭސި ފުރަތަމަ ބޮޑުވަޒީރު ކަމުގައެވެ. އެމަގާމަށް ވަޑައިގެންނެވި އެންމެ ޒުވާން ބޮޑުވަޒީރަކީވެސް އޭނާއެވެ. އެންމެ މުއްސަނދި ބޮޑުވަޒީރަކީވެސް އޭނާއެވެ. މިއީ ހައްތާވެސް ރިކޯޑުތަކެވެ. އެހެންވީމާ އައު ބޮޑުވަޒީރާމެދު ދަންނަވަން ޖެހެނީ އާދައިގެ ބޮޑުވަޒީރަކަށް ނުވާނޭކަމުގައެވެ. މި ދުވަސްވަރަކީވެސް އާދައިގެ ދުވަސްވަރަކަށް ނުވާފަދައިންނެވެ.
އެއްދުވަސްވަރެެއްގައި ނަސްރާނިއްޔަކަމާއި ދޮން ނަސްލުގެ އައުދާނަކަމުގެ ރަމްޒެއްގެ ގޮތުގައި މިސާލުޖެހުނު އިނގިރޭސިވިލާތުގެ ވެރިކަމުގެ އެންމެ މަތީފަޑިން މިއަދު އެފެންނަނީ ދީނީ، ސަގާފީ އަދި ނަސްލީ މަސްހުނިގަނޑެކެވެ. ރަސްކަމުގެ ތަޚުތުގައި ކްރިސްމަސް ފާހަގަކުރައްވަން އިންނެވީ ނަސާރާއެކެވެ. ބޮޑުވަޒީރުގެ ރަސްމީ ގަނޑުވަރުކަމަށްވާ ޑައުނިން ސްޓްރީޓުގެ ދިހަ ނަމްބަރު ގޭގައި ހިންދޫންގެ ދީވާލީ ފާހަގަކުރައްވަން އިންނެވީ ހިންދޫއެކެވެ. ކެބިނެޓުގެ އެންމެ ބާރުގަދަ ވަޒީރުގެ ގޮތުގައި ދާޚިލީ ވުޒާރާ ހިންގަވަން ހުންނެވި ގްރާންޓް ޝެޕްސް ކޮންމެ ހޮނިހިރު ދުވަހެއްގައި ފާހަގަކުރައްވާނީ ޔަހޫދީންގެ ސާއްބަތެވެ. ވެރިރަށް ލަންޑަނުގެ ކަންކަން ހިންގަވާން ހުންނެވި މޭޔަރު ސާދިގު ޚާން ފާހަގަ ކުރައްވަމުން ގެންދަވާނީ މުސްލިމުންގެ ބޮޑުއީދާއި ފިތުރުއީދެވެ.
ބޮޑުވަޒީރުކަމުން ބޮރިސް ޖޮންސަން އިސްތިއުފާ ދެއްވުމުން ހުސްވި ސެޕްޓެމްބަރު މަހުވެސް ބޮޑުވަޒީރުގެ މަގާމަށް ރިޝީ ސުނާކް ވާދަކުރެއްވިއެވެ. އެކަމަކު ވެރިކަންކުރާ ކޮންޒަރވެޓިވް ޕާރޓީގެ އާއްމު މެންބަރުންގެ ވޯޓު ލިބިވަޑައިނުގެން ލިޒް ޓްރަސް އަތުން ބަލިވެވަޑައިގަތީއެވެ. އޭގެ ދޮޅުމަސް ފަހުން ދެވަނަ ފަހަރަށް އެމަގާމަށް ވާދަކުރައްވައި ސުނާކް ކުރި ހޯއްދެވީ ދާދި ފަސޭހަކަމާއެކުގައެވެ. ޕާލަމެންޓުގެ މެންބަރުންގެ ތެރެއިން އޭނާއާ ކުރިން ދެކޮޅު ހެެއްދެވި ގިނަ މެންބަރުންވެސް ދާދިފަސޭހަކޮށް މިފަހަރު އޮޑީގެ ހަފޮޅުން އެތެރެ ކުރެެއްވިއެވެ. ސުނާކަކީ އިގްތިސާދީ އަދި މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާތީ އެންމެންގެ އުންމީދަކީވެސް ސުނާކުގެ ޒައާމަތުގެ ދަށުގައި އަމާން އޮމާން އައްސޭރިއަކަށް ގައުމާއިގެން ދަތުރުކުރުމެވެ. މިހާރު އެއޮތީ ހަލަބޮލި ކަނޑެއްގެ މެދުގައެވެ.
އައު ބޮޑުވަޒީރު ރިޝީ ސުނާކަކީ އޭނާގެ މަންމަޔާއި ބައްޕަވެސް ފަދައިން އިންޑިޔާ ނަސްލުގެ ހިންދޫއެކެވެ. ސުނާކްގެ އާއިލާއަކީ އިންޑިޔާގެ ޕަންޖާބުން އެފްރިކާގެ އިރުމަތީ ބިތަށް ހިޖުރަކުރި ބައެކެވެ. ކުދިން ލިބުމުގެ ކުރީގަައި އެދެމަފިރިން އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރީއެވެ. އެތާގައި ލިބުނު ތިންކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖަކީ ރިޝީ ސުނާކެވެ. އުފަންވެވަޑައިގަތީ 1980 ވަނަ އަހަރު ސައުތުހަމްޓަނުގައެވެ. ކިޔަވައިވިދާޅުވީ އޮކްސްފަޑް ޔުނިވަރސިޓީއާއި ސްޓެންފަޑް ޔުނިވަރސިޓީންނެވެ. ސުނާކުގެ އަނބިކަނބަލުން އަކްޝާތާ މުރުތީގެ މައިންބަފައިން ނިސްބަތްވަނީ އިންޑިޔާގެ ބެންގަލޫރަށެވެ. ކައިވެނީގެ ރަސްމިއްޔާތު 2009 ވަނަ އަހަރު ބޭއްވީވެސް ބެންގަލޫރުގައެވެ. ސުނާކްގެ ދެކަނބަލުންނަށް މިހާތަނަށް ލިބިވަޑައިގެންފައިވަނީ ދެ ބޭފުޅުންނެވެ. ކްރިޝްނާއާއި އަނުޝްކާއެވެ.
އިނގިރޭސިވިލާތުގެ ޕާލަމެންޓަށް ރިޝީ ސުނާކް އެންމެފުރަތަމަ އިންތިޚާބުވެވަޑައިގެންނެވީ 2015 ގައެވެ. އެހެންވީމާ ޕާލަމެންޓުގައި އޭނާއަށް މިހާތަނަށް ހޭދަކުރެއްވުނީ އެންމެ ހަތް އަހަރެވެ. ނޯތު ޔޯކްޝަޔާރގެ ރިޗްމަންޑް ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވުމަށްފަހު ސިޔާސީ ހަރުފަތްތަކުން މައްޗަށް އަރައިވަޑައިގަތީ ނުހަނު އަވަހަށެވެ. ހަލުވިކޮށެވެ. ބޮރިސް ޖޮންސަނުގެ ބޮޑުވަޒީރުކަމުގައި 2020 ވަނަ އަހަރު މާލީވަޒީރަކަށް ހަމަޖެއްސެވީ ރިޝީ ސުނާކެވެ. ކޮވިޑުގެ އެންމެ ބޮޑު ތާށިކަމުގެ ތެރޭގައި އެކިއެކި ދާއިރާތައް ނެގެހެއްޓުމަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސްކީމްތައް ފަރުމާކުރައްވައި އެ ސްކީމްތައް ހިންގެވުމުގެ މޭސްތިރިއަކީވެސް އޭނާއެވެ. މިކަންކަމަކީ އާއްމުންގެ ތެރޭގައި ސުނާކުގެ މަގްބޫލުކަން ވަރަށް ބޮޑަށް އިތުރުވެގެންދިޔަ ކަމެކެވެ.
ކޮންމެ މީހެއްގެ ކިބައިގައި ރަނގަޅުކަންކަން ހުންނަފަދައިން ނޭދެވޭ ކަންކަންވެސް ހުރެއެވެ. ފާޑުކިޔާނޭ ކަންކަން ހުރެއެވެ. އެގޮތުން މިއަހަރުގެ މެދުތެރޭގައި ސުނާކުގެ އަނބިކަނބަލުން ދައްކަވަންޖެހިވަޑައިގަންނަވާ ޓެކުހެއް ނުދެއްކެވުމުގެ މައްސަލަ ފެންމަތިވިއެވެ. އެދަނޑިވަޅުގައި ސުނާކް ހުންނެވީ އަނބިކަނބަލުންގެ ދިފާއުގައެވެ. ވިދާޅުވިއެވެ. ސިޔާސީގޮތުން ދެއްކޭނެ ވާހަކައެއް ނުފެނުނީމާ އަނބިމީހާއާވެސް ދިމާކޮށްލީއެވެ. ހާދަހާ ހުތުރު ކަމެކެވެ. އެކަމަނާ ވަނީ ފަހުން އިތުރު ޓެކްސްތަކެއް ދައްކަވަން ފައްޓަވައިފައެވެ. އެއީ އިނގިރޭސިވިލާތުން ބޭރުގައި އެކަމަނާ ހޯއްދަވާ އާމްދަނީން ދައްކަވަންޖެހޭ ޓެކުހެކެވެ. އިނގިރޭސިވިލާތުގެ މާލީވަޒީރަކަށް ހުންނެވިއިރު ކުޑަދުވަސްކޮޅަކު އެމެރިކާގެ ރަށްވެހިކަމުގެ ކާޑެއް ސުނާކް ގެންގުޅުއްވިކަންވެސް އާއްމުންނަށް ތިލަވެގެން އައިސްފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ