އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ގްލޯބަލް ޕާޓްނަޝިޕް އިން އެޑިއުކޭޝަން (ޖީޕީއީ)ގެ ބޯޑު މެންބަރުކަމަށް ހޮވައިފިއެވެ.

ޖީޕީއީއަކީ ތައުލީމު ކުރިއަރުވަން އެހީތެރިކަން ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ބޮޑު އެއް ފަންޑެވެ. އެ ފަންޑުން އާންމު ގޮތެއްގައި އެހީވަނީ މަދުން އާމްދަނީ ލިބޭ ގައުމުތަކަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ، ޑރ. އައިޝަތު އަލީ އެ ބޯޑަށް ހޮވާފައިވަނީ އޭޝިއާ އަދި ޕެސިފިކް ރީޖައިން ތަމްސީލުކުރުމަށް ކަމަށެވެ.

ޖީޕީއީގެ ބޯޑު މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ޖީޕީއީއަށް ނަން ހުށަހެޅުމުން، އެ އިދާރާގެ ސެކްރެޓޭރިއޭޓުން އެ ނަމެއް އޭޝިއާ ޕެސިފިކް ދާއިރާގެ މެންބަރު ގައުމުތަކުގެ ތާއީދު ލިބޭތޯ ބަލަން ފޮނުވައެވެ. އެގޮތުން އޭޝިއާ ޕެސިފިކް ދާއިރާގެ ގައުމުތަކުން ތާއިދުކުރީ ޑރ. އައިޝަތު އަލީ އަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ޖީޕީއީގެ ބޯޑު މެންބަރުން އެ އިދާރާގެ ޕާޓްނާޝިޕް ސިޔާސަތުތައް ކަނޑައަޅާނެއެވެ.