ޓިކްޓޮކްގައި އުޅޭ މީހުންގެ މެދުގައިވެސް ހަނީމޫން ހޭދަކުރަން އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ރާއްޖެ ހޮވިއްޖެއެވެ.

އިނގިރޭސި ވިލާތުގެ ލަގްޒަރީ ޓްރެވަލް ކުންފުނި, ކުއޯނީން ވަނީ ޓިކްޓޮކްގައި އުޅޭ މީހުންގެ މެދުގައި އެންމެ މަގުބޫލު ހަނީމޫން މަންޒިލް ދެނެގަތުމަށް 455 ހޭޝްޓެގެއްގެ ދަށުން ޕޯސްޓްކޮށްފައިވާ ވީޑިއޯތައް ބެލި މީހުންގެ އަދަދު ބަލައިފައެވެ.

އެގޮތުން އެ ދިރާސާއިން ދައްކާ ގޮތުން, ރާއްޖޭގައި ހަނީމޫން ހޭދަކުރާ ތަން ދައްކައިދޭ ވީޑިއޯތައް 3.5 މިލިއަން ފަހަރު ބަލާފައިވެއެވެ. ރާއްޖެއަށްފަހު އެ ލިސްޓުގެ ދެވަނައިގައި އޮތް އިޓަލީގައި ހަނީމޫން ހޭދަކުރާ ތަން ދައްކައިދޭ ވީޑިއޯތައް ބަލާފައިވަނީ 3.3 މިލިއަން ފަހަރެވެ.

ދެން އެ ލިސްޓުގައި ހިމެނެނީ އިޓަލީ, ބާލީ, ގްރީސް އަދި އެންޓީގާ އެންޑް ބާބެޑާގެ އިތުރުން މެލޭޝިއާ, މެކްސިކޯ, އިނގިރޭސި ވިލާތް, ދުބާއީ އަދި ކޮސްޓަ ރިކާއެވެ.

ޓިކްޓޮކްގައި ދުނިޔޭގެ އެންމެ މަގުބޫލު ހަނީމޫން މަންޒިލަށް ރާއްޖެ ހޮވިފައިވާ އިރު, ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓެގަރީން ރާއްޖެއަށް މިދިޔަ އަހަރު ވަނީ ލީޑިން ޑެސްޓިނޭޝަން އެވޯޑާއެކު މުހިންމު ހަތަރު އެވޯޑެއް ލިބިފައެވެ.

އޭގެ ތެރޭގައި ލީޑިން ޑައިވް ޑެސްޓިނޭޝަންއާއި ލީޑިން ބީޗް ޑެސްޓިނޭ އެވޯޑު އަދި ލީޑިން ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ހިމެނެއެވެ. އޭގެ އިތުރުން އެމްއެމްޕީއާރުސީން ވަނީ އިންޑިއަން އޯޝަން ލީޑިން ޓޫރިސްޓު ބޯޑުގެ އެވޯޑު ކާމިޔާބުކޮށްފައެވެ.