ދިވެހި ގައުމިއްޔަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ފިކުރީ ހަނގުރާމަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުން މިއަދު ވިސްނަންވީ ދިވެހި ގައުމިއްޔަތާ ދެކޮޅަށް ދޭ ހަމަލާތަކުން ގައުމިއްޔަތު ސަލާމަތް ކުރަން ކަމަށެވެ. އަދި ދިވެހި ގައުމިއްޔަތާ ދެކޮޅަށް އަންނަ ހަމަލާއަކީ ކަނޑި ބަޑީގެ ހަމަލާ ނޫން ކަމަށާއި އެއީ ފިކުރީ ހަމަލާތައް ކަމަށް ރައީސް ވިދާޅުވިއެވެ.
"ގައުމިއްޔަތަށް މިއަދު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފިކުރީ ހަނގުރާމަ. އެ ހަނގުރާމައިން ދިފާއުވެ ގައުމިއްޔަތު ދިރުވުމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައި އުފައްދަންވީ ގައުމީ ލޯބި. ޅަދަރީންގެ ހިތްތަކުގައި އަށަގަންނުވަންވީ ހުއްބުލް ވަތަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހި ގައުމިއްޔަތަށް ހުރި ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަންނަން ޖެހޭ ކަމަށެވެ. މިއަދު ދިވެހިންގެ މެދުގައި މިއޮތް ގައުމިއްޔަތުގެ ބުންޔާދަކީ ބޭރުގެ އިސްތިއުމާރީ ބާރެއްގެ އަޅުވެތިކަމުން މިންޖުވުމަށް އުތީމު ތިން ބޭން ކުރެއްވި މަތިވެރި ޖިހާދެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ގައުމުދެކެ ލޯބިވާންވީ ގައުމުން ތިމާއަށް ލިބޭ މަންފާއަށްޓަކައި ނޫން ކަމަށާއި ގައުމުދެކެ ލޯބިވާންވީ އެ ބިމަކަށް ތިމާ އުފަންވީތީ ކަމަށެވެ. އަދި އެ ފަސްގަނޑަށް ތިމާ ނިސްބަތްވީތީ އަދި އެ ވަޒަނެއްގައި ތިމާގެ ވަންހަ އާއި ނަސްލު އޮންނާތީ ކަމަށް ރައީސް ވިދާޅުވިއެވެ. އެގައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކުގައި ގައުމިއްޔަތަށް ވުރެ އަގު ބޮޑު ޖައުހަރެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް އެހެން ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ގުޅުން އުފެއްދުމަކީ މުހިންމު ކަމެއް ކަމަށެވެ. ރާއްޖެއަކީ ހައްގުތައް ލިބިފައިވާ، ފުރިހަމައަށް މިނިވަންކަން ލިބިފައިވާ ގައުމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ގައުމުތަކާ އެކު ހަރުދަނާ ބަދަހި ގުޅުމެއް ބޭއްވުމަކީ ގައުމެއް ދިފާއު ކުރުމަށް އެހާމެ ބޭނުންތެރި ކަމެއް. ގައުމީ ވަންތަކަމާއި ގައުމިއްޔަތުގެ ރޫހު ދެމެހެއްޓުމަކީ ކޮންމެ މީހެއްގެ ޒިންމާއެއް. ފުރިހަމަ މިނިވަންކަމާއި ހައްގުތައް ލިބިއްޖެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖެއަކީ ޑިމޮކްރަސީ ގައުމެއް ކަމަށެވެ. ޑިމޮކްރަސީއެއް ދެމެހެއްޓުމަށް ގާނޫނުތަކަށް ތަބާވާން ޖެހޭ ކަމަށާއި އެއީ ދޭދޭ ފަރުދުންގެ މެދުގައި ޖެހޭ މައްސަލަތަކާއި މުޖުތަމައުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރުމަށް އެކުލަވާލާފައިވާ ގާނޫނުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ގާނޫނު އިމުން ނެއްޓިގެން ކުރާ ކަންކަމުގެ ނުރަނގަޅު އަސަރު މުޖުތަމައުގެ މަސްލަހަތަށް ކުރާނެ ކަމަށާއި އެހެންކަމުން ހުރިހާ ރައްޔިތުން ވެސް ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު