ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރު ތަސްދީގު ކުރެއްވި، މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަންފެށީ މިއަހަރުގެ ތެރޭގައެވެ.
ކަނޑައެޅިފައިވާ ވަކި ކަންތައްތަކެއްގެ ތެރެއިން ޝަރީއަތަކާ ނުލައި ހުކުމް ކުރުގެ ބާރު އެ ގާނޫނުން ސިވިލް ކޯޓަށް ލިބިގެންވެއެވެ. އެގޮތުގެ މަތިން ފުރަތަމަ ފަހަރަށް މައްސަލައެއްގައި އިއްޔެ ސިވިލް ކޯޓުން ވަނީ ޝަރީއަތަކާ ނުލައި ހުކުމްކޮށްފައެވެ.
އެ ގޮތަށް ހުކުމް ކުރުމަށް ކޯޓަށް ބާރުލިބިދެނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 100 ވަނަ މާއްދާ އާއި 103 ވަނަ މާއްދާ އާއި 11 ވަނަ މާއްދާ އާއި 112 ވަނަ މާއްދާއިންނެވެ.
ގާނޫނުގެ 100 ވަނަ މާއްދާގައި ބުނަނީ ކޯޓަށް ދައުވާއެއް ހުށަހެޅުމުން، ދައުވާލިބޭ ފަރާތަށް ނުވަތަ ފަރާތްތަކަށް އެ ދައުވާ ރައްދުކުރާނީ ކޯޓުން ކަމަށެވެ. އެގޮތަށް ދައުވާ ރައްދުކުރަންވާނީ، މި ގާނޫނުގެ ދަށުން ކޯޓުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މި ގާނޫނުގައި ބަޔާންކުރާ ކަންކަން އެ ދައުވާއަކާ ގުޅޭގޮތުން ފުރިހަމަވާނަމައެވެ. ގާނޫނުގެ 103 ވަނަ މާއްދާގައި ބުނަނީ، ދައުވާލިބޭ ފަރާތަށް ދައުވާ ފޯމު ރައްދުކުރެވޭތާ 14 ދުވަހުގެ ތެރޭގައި ދައުވާއަށް ރައްދުދޭންވާނެ ކަމަށެވެ.
ގާނޫނުގެ 111 ވަނަ މާއްދާގައި ބުނަނީ ދައުވާ ލިބޭ ފަރާތުން ދައުވާ އާއި އެދުވާއާގުޅޭ ލިޔެކިޔުންތަކާ ހަވާލުވުމަށްފަހު، މި ގާނޫނުގެ 103 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 14 ދުވަހުގެ މުއްދަތުގައި، ދައުވާއަށް އެއްބަސްވެފައިނުވާ ނަމަ ނުވަތަ ދައުވާއަށް ދިފާއެއް ހުށަހަޅާފައިނުވާ ނަމަ، ދައުވާލިބޭ ފަރާތާ ދެކޮޅަށް މައްސަލަ ނިންމައި، ޣައިރު ހާޒިރުގައި ހުކުމެއް ކޮށްދިނުމަށް ދައުވާކުރާ ފަރާތަށް ކޯޓުގައި އެދެވިދާނެ ކަމަށެވެ.
ގާނޫނުގެ 112 ވަނަ މާއްދާގައި ބުނަނީ، ދައުވާ ލިބޭ ފަރާތުން ދައުވާއާ ހަވާލުވުމަށްފަހު، ދައުވާގެ ދިފާއެއް ހުށަހަޅަން ކަނޑައަޅާފައިވާ މުއްދަތުގައި ދިފާއު ހުށަހަޅާފައިނުވާ ހާލަތުގައި، މައްސަލައިގެ ޝަރީއަތް ހިންގުމަކާ ނުލައި އަދި ދައުވާލިބޭ ފަރާތަށް އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި އެ މައްސަލަ ނިންމައި ހުކުމް ކުރެވިދާނެ ކަމަށެވެ.
އެގޮތުގެ މަތިން ސިވިލްކޯޓުން އިއްޔެ ހުކުމް ކޮށްފައި ވަނީ، ލ. މާވަށް ފަރުދާގެ އަހުމަދު ޖަމީލު އާއި މއ. އުއިވަށާގެ އަހުމަދު ވިކްރަމް ހުސެއިންއާ ދެމެދު، ރާއްޖޭން ބޭރުން ދޫނިތަކެއް ގެނައުމަށް އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ފަހުން ދައްކާ ގޮތަށް، ޖަމީލު އަތުން އެކި ފަހަރުމަތިން 50،000 ރުފިޔާ އަދި 7،000 އެމެރިކާ ޑޮލަރު ނެގުމަށްފަހު ވިކްރަމް، އެފައިސާ ދައްކާ ހަލާސްކޮށްފައިނުވާތީ ޖަމީލުގެ ފަރާތުން ހުށަހެޅި މައްސަލައިގައެވެ.
މި މައްސަލައިގައި ޖަމީލު ދައުވާ ކޮށްފައިވަނީ އެ މައްސަލައިގައި ވަކީލަށް ހަރަދު ކުރަން ޖެހުނު 20،000 ރުފިޔާއާ އެކު ޖުމްލަ 70،000 ރުފިޔާ އާއި 7،000 އެމެރިކާ ޑޮލަރު ހޯދުމަށެވެ.
މި މައްސަލައިގައި ސިވިލްކޯޓުން ކުރި ހުކުމްގައި ވަނީ، މަދަނީ އިޖުރާއަތުގެ ގާނޫނުން ލިބޭ 14 ދުވަހުގެ މުއްދަތު ހަމަވިއިރުވެސް ދައުވާ ލިބޭ ފަރާތުން ދައުވާއަށް އެއްބަސްނުވެ ދައުވާއަށް ދިފާއެއް ވެސް ހުށަހަޅާފައިނުވާ ކަމަށެވެ.
އެހެންކަމުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މައްސަލައިގެ ޝަރީއަތް ހިންގުމަކާ ނުލައި ދައުވާ ލިބޭ ފަރާތާ ދެކޮޅަށް އެފަރާތުގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމަންޖެހޭ ކަމަށް ދެކޭ ކަމަށެވެ.
އެގޮތުގެ މަތިން ޣައިރު ހާޒިރުގައިކުރި މި ހުކުމްގައި، 70،000 ރުފިޔާ އާއި 7،000 އެމެރިކާ ޑޮލަރު އެއްމަސް ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ދައްކައި ހަލާސް ކުރުމަށް ވިކްރަމްގެ މައްޗަށް ވަނީ އަންގައިފައެވެ.
ޚަބަރު
ޚަބަރު