އައްޑޫ ސިޓީގައި ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އަޅުވައި ހައްޔަރުކުރި އައިމިނަތުދިޔެ (އާމިންދައްތަ) އަށް ވަޒީފާ އަނބުރާ ދީފިއެވެ.

ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޝަރަފުއްދީން ސްކޫލުގެ މަސައްކަތު މީހެއްގެ މަގާމުގައި އޭރު ހުރި އާމިންދައްތަ، 59އ. ހައްޔަރުކުރި ނަމަވެސް، ދައުވާނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމުމުން އޭނާ ވަނީ ދޫކޮށްލައިފައެވެ. އެއީ އެ މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާ ވަޒަންކުރުމަށްފަހު، ޖިނާއީ ދައުވާއެއް ކޮށްގެން ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީއެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން އާމިންދައްތަ ވަޒީފާއިން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރުމުން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.

ޓްރައިބިއުނަލަށް ހުށަހެޅި މައްސަލާގައި އާމިންދައްތަ އެދިފައި ވަނީ، މުއްދަތެއް ނެތް ގޮތަށް ގޭގައި މަޑުކުރަން އަންގައި، މުއްދަތެއް ނެތް ގޮތަށް ވަޒީފާއަށް ނުކުތުން މަނާކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އޭނާ ސަސްޕެންޑްކުރި މައްސަލަ ބަލައި އެކަމުގައި ހިމެނޭ މީހުންގެ މައްޗަށް ފިޔަވަޅު އެޅުމަށް ސިވިލް ސާވިސް ކޮމިޝަނަށް އަމުރު ކޮށްދިނުމަށާއި އޭނާ ވަޒީފާއަށް ނުނިކުތުމަށް އަންގާފައިވާ އެންގުން ބާތިލުކޮށް، އޭނާ އަލުން ވަޒީފާއަށް ނުކުތުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ސިވިލް ސާވިސްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

މި މައްސަަލަ ބަލައި ޓްރައިބިއުނަލުން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކުރީ، އާމިންދައްތަ އަދާކުރަމުންދިޔަ ވަޒީފާއަށް އަނބުރާ ނެރުމަށާއި އޭނާ ވަޒީފާއަށް ނުކުތުން މަނާކޮށްފައިވާ ތާރީހުން ފެށިގެން އޭނާއަށް ހައްގުވާ މުސާރައާއި އިނާޔަތްތައް ދިނުމަށެވެ.

މި އަމުރާ އެއްގޮތަށް އާމިންދައްތަ ވަޒީފާ އަނބުރާ އިޔާދަކޮށް މިއަދުން ފެށިގެން އޭނާ ވަޒީފާއަށް ނުކުންނަ ކަމަށް އޭރު އޭނާގެ ދިފާއުގައި މަސައްކަތްކުރި ޓީމުގެ މެމްބަރަކު ވަނީ "ވަން" އަށް ބުނެފައެވެ. އަދި އެކަމުގެ އުފަލުގައި ހިތަދޫ އަވަށު އޮފީހުން ވަނީ ކޭކު ފަޅައި އާމިންދައްތައަށް މަރުހަބާ ކިޔައިފައެވެ.