އިނގިރޭސި ޝާހީ އާއިލާޔާމެދު ޕްރިންސް ހެރީ ނެރުއްވަން އުޅުއްވާ ފޮތުގެ މައްސަލައިގައި ރަސްގެފާނު ޗާލްސް ވަރަށް ނުތަނަވަސްވެފައިވާ ކަމަށް އިނގިރޭސި ނޫސްތަކުން ބުނަން ފަށައިފިއެވެ. މިފޮތް ނެރެން މިހާރު ހަމަޖެހިފައިވަނީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. އައު ރަސްގެފާނުގެ އިސްތަށިފުޅުގައި ތާޖުކޮޅު ބެހެއްޓުމުގެ ރަސްމީ އިހުތިފާލުގެ އެއްމަސް ކުރިންނެވެ.

ޗާލްސްގެ ކޮރޮނޭޝަން ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މެއިމަހުގެ ހަވަނަ ދުވަހުއެވެ. ޕްރިންސް ހެރީގެ ފޮތުގައި ޗާލްސްގެ އަނބިކަނބަލުން ކެމީލާޔާމެދު ނޭއްގާނި އެއްވެސް ވާހަކައެއް ހިމަނުއްވާފައިވާނަމަ ކޮރޮނޭޝަން ހަފުލާގައި ބައިވެރިވުމުގެ ފުރުސަތު ޕްރިންސް ހެރީއަށް ނުދެއްވަން ޗާލްސް ނިންމަވާފައިވާ ކަމަށް ނޫސްތަކުން ބުނެއެވެ. އެއީ ހެރީގެ ދެކަނބަލުންނަށް އަދަބު ދެއްވުމުގެ ގޮތުން ކުރައްވާ ކަމެކެވެ.

ޗާލްސްގެ ކޮރޮނޭޝަން ހަފުލާ މިބާއްވަނީ ޕްރިންސް ހެރީގެ ދަރިކަލުން އާރޗީގެ ހަތަރުވަނަ އުފަންދުވަހުއެވެ. އާރޗީއަކީ ޗާލްސްގެ ކާފަދަރިކަލެކެވެ. އެދުވަހު ކޮރޮނޭޝަން ހަފުލާ ބޭއްވުމަށް ޗާލްސް ނިންމެވި ސަބަބަކީވެސް އާރޗީގެ އުފަންދުވަސް ޝަރަފުވެރި ކުރެއްވުމެވެ. ތާރީޚީ ދުވަހަކަށް ހެއްދެވުމެވެ. މި ހަފުލާއިން ޕްރިންސް ހެރީއަށް ފުރުސަތު ލިބިވަޑައިނުގެންފިއްޔާ އާރޗީވެސް ނުފެންނާނެއެވެ. ނުގެންދާނެއެވެ.

ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލްގެ މަންމަޔަކީ ކަޅު މީހެކެވެ. އާރޗީއަށް މޭގަން އާލާސްވެ އިންނެވި ދުވަސްވަރު ޝާހީ އާއިލާގެ ސީނިއަރ ބޭފުޅަކު އާރޗީގެ ހަމުގެ ކުލަ ކަޅުވާނެތޯ ސުވާލު އުފެއްދެވި ކަމަށް މޭގަން ވިދާޅުވެފައިވެއެވެ. އެގޮތަށް ސުވާލު އުފެއްދެވީ ޝާހީ އާއިލާގެ ކޮން ބޭފުޅެއްކަން މިހާތަނަށް ހާމައެއް ނުކުރެވެއެވެ. ގިނަބަޔަކު ބުރަވަނީ އެއީ ކެމީލާ ކަމުގައެވެ. އެކަންވެސް ހެރީގެ ފޮތުގައި ކަށަވަރުކޮށް ދެއްވާނެ ކަމަށް ވަނީ ގަބޫލު ކުރެވިފައެވެ.