އައިޖީއެމްއެޗްގެ ހިޔަލަ ވިންގުން ދެމުން އައި ބައެއް ހިދުމަތްތައް ވަގުތީ ގޮތުން ދަރުމަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހިޔަލަ ވިންގަށް ބަލި މީހުން އަރައި ފޭބުމަށް ބޭނުންކުރާ ލިފްޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ އިމާރާތުން ދެމުން އައި ބައެއް ހިދުމަތްތައް ވަގުތީ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެގޮތުން ހިޔަލަ ވިންގުގެ ދެވަނަ ފަންގިފިލާއިން ދެމުންގެންދާ އިމަޖެންސީ ހިދުމަތްތައް، ހޮސްޕިޓަލުގެ ޓްރޯމާ އެންޑް އިމަޖެންސީ ޑިޕާޓްމެންޓުގެ (އަވަސްފަރުވާގެ ހިދުމަތްދޭ ތަން) އައިސޯލޭޝަން އޭރިއާއަށް ވަނީ ބަދަލުކޮށްފައެވެ. އަދި ހިޔަލަ ވިންގުގެ އެހެން ފަންގިފިލާތަކުގައި އެޑްމިޓް ކުރާ ބަލި މީހުން ދަރުމަވަންތަ ހޮސްޕިޓަލުގެ 12، 16 އަދި 17 ވަނަ ފަންގިފިލާގައި އެޑްމިޓްކުރަން ވަނީ ނިންމައިފައެވެ.

ހިޔަލަ ވިންގުގެ ފުރަތަމަ ފަންގިފިލާއިން މިހާރު ދެމުންގެންދާ އޯޕީޑީގެ ހިދުމަތާއި އަދި ހިޔަލަ ވިންގުގެ 10 ވަނަ ފަންގިފިލާއިން ދެމުންގެންދާ އޯފީޑީގެ ނިއުނޯޓަލް އިންޓެންސިވް ކެއާ (އެންއައިސީޔޫ)ގެ ހިދުމަތްތައް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އަލަށް ގެނައި ބަދަލުތަކުގެ ސަބަބުން ބެޑް ކެޕޭސިޓީ ދަށްވެ އެޑްމިޓް ކުރާ މީހުންގެ އަދަދު މަދުކުރެވުމުން ބައެއް ހިދުމަތްތައް ދިނުމަށް ބުރޫ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެގޮތުން ދުރާލާ ޝެޑިއުލްކޮށްފައިވާ ބައެއް ސާޖަރީތައް ވަގުތީގޮތުން މަޑުޖެހިގެންދާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ ހިޔަލަ ވިންގުގެ ލިފްޓަށް ދިމާވި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ މައްސަލަ ހައްލުކުރެވުމުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރި ހިދުމަތްތައް އަލުން ހިޔަލަ ވިންގަށް ބަދަލުކުރާނެ ކަމަށެވެ.